އަމަލުގެ ކުރަމުންދާ އުސޫލުގެ ދަށުން، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާންމުކޮށްފި އެވެ.

މީރާ އިން ބުނީ އެ އޮތޯރިޓީގެ ވެބްސައިޓުގައި އާންމުކޮށްފައި ވަނީ މިއަހަރު ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ކަމަށެވެ. އެގޮތުން ޖީއެސްޓީ ބަޔާން ހުށަހަޅާފައި ނުވާ އަދި އެ މުއްދަތަށް ޖީއެސްޓީ ދައްކާފައިނުވާ ފަރާތްތަކުގެ ތެރެއިން މާލޭ ސަރަހައްދުގައި ޓޫރިޒަމް ޖީއެސްޓީ އަދި ޖެނެރަލް ޖީއެސްޓީ އަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފައިވާ ކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން ބުނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެފަރާތްތަކަށް އެކިފަހަރުމަތިން ފޯނުންގުޅައި ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތައް ކިޔާދީފައިވާ ކަމަށެވެ. އޭގެ އިތުރުން އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އެ ފަރާތްތަކަށް އެންގުމުގެ މަސައްކަތްކޮށް ފޯނުން ނުގުޅުނު ފަރާތްތަކުގެ ވިޔަފާރިތަކަށް މީރާގެ ޓީމުތަކުން ޒިޔާރަތްކޮށްފައިވާ ކަމަށް މީރާ އިން ބުންޏެވެ.

މިއަހަރު ތިންވަނަ ކުއާޓަރުގެ ޖީއެސްޓި ބަޔާން ހުށަނާޅައި އަދި ޖީއެސްޓީ ނުދައްކާ ޓޫރިޒަމް ދާއިރާގެ 14 ފަރާތަކާއި ޓޫރިޒަމް ދާއިރާނޫން ދާއިރާތަކުގެ 153 ފަރާތެއްގެ ނަން މީރާގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.

ވެބްސައިޓުގައި މައުލޫމާތު އާންމުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީއެސްޓީ ބަޔާން ހުށަހަޅައިފި ނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެފަދަ ފަރާތެއްގެ ނަން ވެބްސައިޓުން އުނިކުރާނެ ކަމަށް މީރާއިން ބުންޏެވެ.