24 Dec 2014, 15:18
ފިޝަރީޒް މިނިސްޓްރީން ފަށާފައިވާ ޕްރޮޖެކްޓް ފޯދަ ފޯމިއުލޭޝަން އޮފް މާސްޓާ ޕްލޭން ފޯ ސަސްޓެއިނެބަލް ފިޝަރީޒް (މަސްޕްލޭން) ގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ ޕްރޮޖެކްޓަކީ ޖަޕާނު ސަރުކާރުގެ ފަންނީ އެހީ ލިބިގެން ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. ތިން އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގެ މަގްސަދަކީ ދެމެހެއްޓެނިވި މަސްވެރިކަމަށް ބޭނުންވާ މަސްވެރިކަމުގެ ދުރުރާސްތާ ޕްލޭނެއް ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލުމެވެ.
އެގޮތުން ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ ކަމާބެހޭ މާހިރުންނާ އެކު ބައްދަލުވުމެއް ފައްޓަވާފަ އެވެ. ކަސްޓަމްސް ބިލްޑިންގުގައި ކުރިއަށްދާ އެ ބައްދަލުވުމުގައި ކުރިއައް އޮތްތަނުގައި މަސްވެރިކަން ބައްޓަން ކުރާނެ ގޮތާމެދު ވާހަކަ ދެއްކުމާއި މަސްވެރިކަމުން ގައުމުގެ ތަރައްގީ އާއި ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ޕްލޭނެއް އެކުލަވާލުމަށް މަޝްވަރާކުރާނެ އެވެ.
ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މިހާދުވަސް ވަންދެން ރާއްޖޭގައި ކުރަމުން އައީ ދޮށީގެ މަސްވެރިކަން ކަމަށް ވާތީ އެކަމުގައި ފުދޭވަރެއްގެ ގޮންޖެހުންތަކެއް ހުންނަ ކަމަށެވެ. އަދި އެނޫންވެސް މަސްވެރިކަން ކުރަމުން އަންނަ ކަމަށާއި އެ ހުރިހާ މަސްވެރިކަމަކުން ވެސް އެކަށީގެންވާ ފައިދާއެއް ނެރިގެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން މި ޕްރޮޖެކްޓްގެ ދަށުން މަސައްކަތް ކުރާނެކަމަށް ޒަހާ ވިދާޅުވި އެވެ.
"ތަފާތު ހަތަރު ދާއިރާއަކަށް ބަހާލައިގެން މަސައްކަތް ކުރާގޮތަށް ވަނީ ރޭވިފައި. އެއީ ކަނޑުމަހުގެ މަސްވެރިކަމާއި ފަރުމަސްވެރިކަމާއި ފަރުތަކުގެ މުއްސަނދިކަމާއި ކަނޑުގެ ދިރުންތައް ވިއްސުމާއި ބޮޑުކުރުން (އެކުއަކަލްޗާ) އަދި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުން،" ޒަހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދާއިރާތަކުން ފަންނީ އަދި ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަރާތްތަކުގެ މަޝްވަރާ ހޯދުމުގެ މަސައްކަތް މިއަދު ވަނީ ފަށަފައި ކަމަށާއި އެފަދަ ޕްލޭންތައް އެކުލަވާލުމުން މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުގެ ބައިވެރިވުން ލިބުމަކީ އެފަދަ ޕްލޭންތަކަށް ވަރަށް މުހިންމުކަމެއް ކަމަށް ޒަހާ ފާހަގަކުރައްވަ އެވެ.
ތިން އަހަރު ދުވަހުގެ އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ މަސްވެރިކަމަށް ބޭނުންވާ 10 އަހަރުގެ ދުރުރާސްތާ ޕްލޭނެއް އެކުލަވާލާނެ އެވެ.