ގ. ވޭރު އަބްދުލް މުހީތު މަރާލި މައްސަލައާ ގުޅިގެން މިއަދު ބާއްވަން ހަމަޖެއްސި ޝަރީއަތުގެ މަޖިލީސް ކެންސަލް ކޮށްފިއެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލްކުރީ މިއަދު 1:00 އަށެވެ. ދައުވާ ލިބޭ ބައެއް މީހުންގެ ދިފާއީ ވަކީލު ވިދާޅުވީ އެ މައްސަލަ ކެންސަލް ކުރީ ކީއްވެގެން ކަމެއް ކޯޓުން އަންގާފައިނުވާ ކަމަށެވެ.

މުހީތު މަރާލި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ ގދ. ގައްދޫ އަބުލަޢީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ސ. މަރަދޫ ސަލްޓަންސްވިލާ އަލީ މުޝައްފައުގެ މައްޗަށެވެ. އެކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ މައްޗަށެވެ.

އެ މައްސަލައިގައި އެންމެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފުލުހުންގެ ފޮރެންސިކް އެކްސްޕާޓެއް ހާޒިރުކޮށް އެ މައްސަލައިގައި ޝަރީއަތަށް ހުށަހަޅާފައިވާ ފޯންކޯލް ރެކޯޑިންގްއާ ބެހޭގޮތުން ވަނީ ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައެވެ.
އެ އެންމެން ދައުވާ އަށް އިންކާރުކުރުމާ ގުޅިގެން އެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި މަންޒަރު ދުށް މީހުންގެ ހެކިބަސް ވަނީ ނަގާފަ އެވެ. އަދި ދިފާއުގައި ހުށަހެޅި ބައެއް މީހުންގެ ހެކިބަސް ވެސް ކޯޓުން ވަނީ ނަގާފައެވެ.

ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ (ހޮނިހިރު ދުވަހުގެ ރޭ ދަންވަރު) 1:50 އެހާކަށް ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭ ސައިކަލެއްގެ މަތީގައި އޭނާ އިންދަ އެވެ.

މުހީތު މަރާލުމުގެ ކުށް ސާބިތުވެ 18 އަހަރުން ދަށުގެ ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ވަނީ މިދިޔަ އަހަރު ހުކުމް ކޮށްފައެވެ. އަދި އެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.