24 Dec 2014, 14:55
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން އިސްތިއުނާފުކޮށްފި އެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު ޝާހީން ހަމީދާއި ގާނޫނީ ވަކީލު ހަސަން މާޒު ޝަރީފް އަދި ގާނޫނީ ވަކީލު މުހައްމަދު ފައިސަލެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޝާހީން ވިދާޅުވީ ރަޖިސްޓްރާގެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުއްވީ މި ހަފްތާގެ ކުރީކޮޅު ކަމަށާއި އެހެންނަމަވެސް އެ މައްސަލައާ މެދު ގޮތެއް ނިންމަވައި އެ ކޯޓުން އަންގާފައިނުވާ ކަމަށެވެ.
ހައިކޯޓުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތާ ހަވާލުވެ ހުންނެވި މަރިޔަމް އަފްޝާ ނިންމި ނިންމުމުގައި ވަނީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުތަކާއި އެ ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި ނިންމާ ނިންމުންތަކަކީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ދުސްތޫރީ މައްސަލައެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާ އަށް ރިއާޔަތްކުރާ އިރު އެ މައްސަލަ ބެލުމުގެ އިހުތިސޯސް ހައިކޯޓަށް ލިބިގެންވާ ކަމަށް ނުފެންނާނާތީ ހައިކޯޓުގެ ގަވާއިދުގެ 31 ވަނަ މާއްދާގެ (ރ)ގެ އެއްވަނަ ނަންބަރުގެ ދަށުން އެ މައްސަލަ ބަލައިގަނެވެން ނެތްކަން އަންގާ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.
ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ވަނީ ތިން ބާވަތެއްގެ ދުސްތޫރީ މައްސަލަތަކަކީ އެ މައްސަލަތައް ބެލުމުގެ އަސްލީ އިހްތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ މައްސަލަތަކެއް ކަމަށެވެ. އޭގެތެރޭގައި އެ މައްސަލައަކީ ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލަތައް ހިމެނެ އެވެ.
އެ މައްސަލައަކީ ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ގާނޫނު އަސާސީ މާނަކުރުމާ ގުޅޭ ގޮތުން އުފެދޭ މައްސަލައެއް ކަމުގައިވާ ނަމަ އެ މައްސަލައެއް ބެލެނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށް އެ ގާނޫނުގައިވެ އެވެ. އަދި ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައެއް ކަމުގައިވާ ނަމަ އެ މައްސަލައެއް ބެލުމުގެ އިހުތިސޯސް ހަމައެކަނި ލިބިގެން ވަނީ ސުޕްރީމް ކޯޓަށް ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.
އެ މައްސަލައާ މެދު ހައިކޯޓުން ވަކިގޮތެއް ނުނިންމާ ވަނިކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ އަހްމަދު ފާއިޒު ހުސައިން އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުންނާއި އަދި އަހްމަދު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކޮށްފަ އެވެ. އަދި އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު އައްޔަން ކުރަން މަޖިލީހުން ފާސްކުރުމާ އެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރައްވާފަ އެވެ.