03 Feb 2011, 16:31
ދެ ލައްކައެއްހާ ރުފިޔާގެ މަސްތުވާތަކެއްޗާ އެކު ތަފާތު ތިން މައްސަލައެއްގައި ފުލުހުން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހު ތަފާތު ތިން މައްސަލައަކާ ގުޅުން ހުރި، ގާތްގަނޑަކަށް 184000 ދިވެހި ރުފިޔާގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވާ ކަމަށާއި އެގޮތުން މަގުމަތީ އަގަށް 100000 ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ މަސްތުވާތަކެތި ފުލުހުންގެ އަތުލައިގަތީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ ޖީއެމްއާރު މާލޭ އިންޓަރނޭޝަނަލް އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލްގައި މާލެއިން ކާޑެއްދޫއަށް ފުރަން ގޮސް ހުރި މީހެއްގެ ހަށިގަނޑު އެއަޕޯޓް ސެކިއުރިޓީގެ އޮފިސަރުން ޗެކްކުރުމުގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިން އަޅާފައިހުރި ބުލެޓް ސައިޒްގެ 20 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި ހަތަރު ޕީސް ކެނަބިސް ތެޔޮ އަދި ކެނަބިސް ތެޔޮ ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި އެ މަސްތުވާތަކެތި ކާޑެއްދުއަށް ގެންދަން އުޅުނު މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ 50,000 ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ލިބުނު މުއުލޫމާތަކާ ގުޅިގެން ކޯޓް އަމުރުގެ ދަށުން މއ. ކުއްޅަފިލާގެ ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި އެގޭ ކޮޓަރިއެއްގައި ހުރި އަލަމާރިއެއްގެ ތެރެއިން މަސްތުވާތަކެތި އަޅާފައިހުރި ބުލެޓް ސައިޒްގެ އަށް ރަބަރު ޕެކެޓް ވަނީ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކޮޓަރި ތެރޭގައި އަޅުވާފައިހުރި ދެ ގަމީހެއްގެ ޖީބުން މަސްތުވާތަކެތި ކަމަށް ބެލެވޭ 53 ރަބަރު ޕެކެޓާއި ބުލެޓް ސައިޒްގެ ދެ ޕެކެޓް ފެނިފައިވާ ކަމަށާއި އެތާންގައި ހުރި އަންނައުނު ތަކުގެ ތެރެއިން ރަބަރު ޕެކެޓަކާއި ކޮޓަރީގެ ތަޅުން މަތިން އިތުރު ރަބަރު ޕެކެޓް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަދި ބުނީ ކުއްޅަފިލާގެ އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި
"ލައިފް" ފެން ހުސްކުރި ކުޑަ ދެ ފުޅި ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ 34,000 ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތީ ނ. ވެލިދޫއަށް ދަތުރުކުރި ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވެލިދޫ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ވެލިދުއަށް މަސްތުވާތަކެތި ގެންދިޔަ މީހާ ހިފަހައްޓަން އުޅުމުން އޭނާގެ އަތުގައި އޮތް ކޮތަޅެއް އެއްލާލުމުން ފުލުހުން އެކޮތަޅު ބަލާފާސްކުރުމުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ފިލްމު ހުސްކުރި އެއް ދަޅުގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭ އާލާތްތަކެއް އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.