24 Dec 2014, 14:28
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ސަރުކާރުން ތަހުގީގުގެ ނަމުގައި މީހުންނަށް ކޮށްފައިވާ އިންސާނިއްޔަތާ ހިލާފު އަނިޔާތަކުގެ މައްސަލަ ތަހުގީގު ކުރުމަށް އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ނިއުޔޯކް ޓައިމްސް އިން ގޮވާލައިފި އެވެ.
ނިއުޔޯކް ޓައިމްސްގައި މިދިޔަ ހޯމަ ދުވަހު "ޕްރޮސެކިއުޓް ޓޯޗަރާސް އެންޑް ދެއަރ، ބޮސަސް" (ލާއިންސާނީ އަނިޔާ ކުރި މީހުންނާއި އެމީހުންގެ ވެރިންގެ ޝަރީއަތް ހިންގާ) މި ސުރުހީގެ ދަށުން ލިޔެފައިވާ އެޑިޓޯރިއަލްގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ތުހުމަތު ކުރެވުނު މީހުންނަށް ލާއިންސާނީ އަނިޔާ ދިން ކަމުގެ ޒިންމާ އުފުލަން ޖެހޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ނާކާމިޔާބު ވެވަޑައިގެންފައިވާ ކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުން މީހުން ވަގަށް ނެގުމަށް ފަހު ޓެރަރިޒަމްގެ ތުހުމަތުކޮށް، ތަހުގީގު ކުރުމުގެ ނަމުގައި، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އިން ހިންގިކަން ފަޅާ އަރާފައިވާ ކަންތައްތައް ބަޔާން ކުރުމަށް ފަހު އެ ލިއުމުގައި ބުނެފައި ވަނީ އެއީ ޖަރީމާތަކެއް ކަމަށެވެ.
"... މިއީ ސީދާ ޖަރީމާތަކެކެވެ. ޖިސްމާނީ ގޮތުން ނުވަތަ ނަފުސާނީ ގޮތުން ގަސްދުގައި މީހަކަށް ބޮޑު ވޭނެއް ދިނުމަކީ ލާއިންސާނީ އަނިޔާއެއް ކަމަށް ބަޔާންކޮށްފައިވާ ފެޑެރަލް ގާނޫނުން މަނާކޮށްފައިވާ ކަންތައްތަކެކެވެ،" ލިއުމުގައިވެ އެވެ.
ލިއުން ނިންމާލަމުން ބުނެފައި ވަނީ ތަހުގީގު ހިންގުން ގުޅިފައި ވަނީ ބަދަލު ދިނުމާއި ނޫން ކަމަށާއި އެއީ އެފަދަ ކަމެއް އަލުން ނުހިނގާނެ ކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެހެން ސަރުކާރުތަކުން ހިންގާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ވާހަކަ ދެއްކުމަށް ބޭނުންވާ އިތުބާރު އަލުން އަނބުރައި ހޯދުމަށް ވެސް އެތަހުގީގު ކުރަން ޖެހޭ ކަމަށް ލިއުމުގައި ބުނެފައިވެ އެވެ.
އެމެރިކާ އިން ދުނިޔޭގެ ތަފާތު އެތައް ގައުމެއްގައި ހިންގަމުން އައި ސިއްރު ޖަލުތަކުގައި މުސްލިމުންގެ ތެރެއިން ކުށެއް ނެތް އެތައް ބަޔަކު ހައްޔަރުކޮށް އިންސާނިއްޔަތާ ހިލާފު އެތައް އަނިޔާތަކެއް ދީފައިވާ ކަން ދާދިފަހުން ވަނީ ހާމަވެފަ އެވެ. އެކަން ހާމަވީ ލާއިންސާނީ އަނިޔާތައް ދީފައި ވޭތޯ ބެލުމަށް އެމެރިކާގެ ސެނެޓްގެ ކޮމިޓީއަކުން ހިންގި ތަހުގީގަކަށް ފަހު އެކުލަވައިލި ރިޕޯޓެއްގެ ބައެއް ބައިތައް އާއްމުކުރުމުންނެވެ.