24 Dec 2014, 14:13
ބޮޑީ ބޯޑިންނާ ބެހޭ ދުނިޔޭގެ މައި އިދާރާ އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލް ބޮޑީ ބޯޑަރސް (އޭޕީބީ) އިން އަންނަ އަހަރު ބާއްވާ ބޯޑީ ބޯޑިންގް ވޯލްޑް ޓުއަގައި ރާއްޖޭގައި ވެސް އެ ޓުއަގެ އިވެންޓެއް ކުރިއަށް ގެންދަން ހަމަޖައްސައިފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭޕީބީގެ ފާރަތުން ކުރިއަށް ގެންދާ އެ މުބާރާތުގެ އެކި އިވެންޓުތައް މިފަހަރު ދުނިޔޭގެ އަށް ގައުމެއްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ. އަދި އެ މުބާރާތުގައި ރާއްޖޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިވެންޓް ކުރިއަށް ގެންދާނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކަމަށް ރާއްޖޭގެ ބޮޑީ ބޯޑިންގް އެސޯސިއޭޝަންގެ މީޑިއާ ކޯޑިނޭޓަރު ހަސަން ރަޝީދު (ރަޝް) 'ސަން' އަށް މައުލޫމާތު ދެމުން ބުންޏެވެ.
"ބޮޑީ ބޯޑިންގް ވޯލްޑް ޓުއާ އަކީ ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ބޮޑީ ބޯޑިންގް މުބާރާތް. އެ މުބާރާތް ހަމަޖެހިފައި އިންނަ ގޮތުން އެކި އިވެންޓުތައް ކުރިއަށް ގެންދާނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި. އަދި އެ ހުރިހާ އިވެންޓްތަކަކަށް ބަލާފައި އެ މުބާރާތުގެ ވަނަތައް ކަނޑައަޅާނީ. އަންނަ އަހަރު އެ މުބާރާތުގެ އިވެންޓުތައް އަށް ގައުމެއްގައި ކުރިއަށް ގެންދާއިރު، އޭގެ ތެރޭގައި ބްރެޒިލް އާއި ޕޯޗުގަލް ފަދަ ގައުމުތައް ވެސް ހިމެނޭ. އެ މުބާރާތުގައި ރާއްޖޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިވެންޓު ބާއްވާނީ އަންނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭ،" އޭނާ ބުންޏެވެ.
ރަޝް ބުނީ އެ މުބާރާތުގައި 150 އަށް ވުރެ ގިނަ ވޯލްޑް ކްލާސް ބޮޑީ ބޯޑަރުން ރާއްޖޭ އަންނާނެ ކަމަށާއި އެ މުބާރާތުގައި ރާއްޖޭގެ ބޮޑީ ބޯޑަރުންނަށް ވެސް ބައިވެރި ވެވޭނެ ކަމަށެވެ. އަދި އެއީ އޭޕީބީގެ ފަސް ތަރީގެ އިވެންޓެއް ކަމަށާއި އެ މުބާރާތުގައި ރާއްޖޭގައި ބާއްވާ އިވެންޓު ކުރިއަށް ދާނީ އޭޕީބީ އާއި ރާއްޖޭގެ ބޮޑީ ބޯޑިންގް އެސޯސިއޭޝަން އެފިލިއޭޓް ވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"އެ އިވެންޓު ރާއްޖޭގައި ކުރިއަށް ގެންދާނީ 'މޯލްޑިވްސް ޕްރޯ' ގެ ނަމުގަ މާލޭގެ ރާޅުގަނޑު ސަރަހައްދުގައި. އަދި އެ އިވެންޓު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޭޕީބީ އާއި އެމްބީބީއޭ ގުޅިގެން. އެމްބީބީއޭ އިން އެކަން އިންތިޒާމް ކުރާނީ ރާއްޖޭގެ ސަރުކާރުގެ ވެސް އެހީތެރިކަމާ އެކީ. ރާއްޖޭގެ އެތްލީޓުންނަށް ވެސް އެ މުބާރާތުގައި ބައިވެރި ވެވޭނެ. ނަމަވެސް އަދި ރާއްޖެ އިން ބައިވެރިވާން ފުރުސަތު ހުޅުވާލާނީ މިފަހަރުގެ އެމްބީބީއޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ 15 ފަރާތައްތޯ، ނޫނީ ބޭނުން އެތްލީޓަކަށް ބައިވެރިވެވޭނެތޯ އެކަމާ މެދު އަދި އަޅުގަނޑުމެން ވަކި ގޮތެއް ނުނިންމަން،" ރަޝް ބުންޏެވެ.
ބޮޑީ ބޯޑިންގް ވޯލްޑް ޓުއާގައި އެކި އިވެންޓުތަކަށް އެކިއެކި އިނާމްތައް ހުށަހެޅިފައިވާއިރު 'މޯލްޑިވްސް އޯޕަން' އަށް ހުށަހެޅިފައިވާ ފައިސާގެ އިނާމަކީ 30،000 އެމެރިކާ ޑޮލަރެވެ. އަދި މިއީ އެ މުބާރާތުގެ ތާރީހުގައި ވެސް ރާއްޖެ އެންމެ ފުރަތަމަ ފަހަރަށް ހިމެނިގެންދާ ފަހަރު ކަމަށް ވާއިރު، ރަޝް ބުނީ މިއީ ރާއްޖޭގެ ބޯޑި ބޯޑިންގް ކުޅިވަރަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެއް ކަމަށާއި، އެ މުބާރާތުގެ ސަބަބުން ރާއްޖޭގެ ބޮޑީ ބޯޑިންގް އަށް ކުރިއެރުންތަކެއް ލިބިގެން ދިޔުން އެކަށީގެން ވާކަމަށެވެ.