24 Dec 2014, 13:27
އިންޑިއާގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް އެންޑް ޓުއަރިޒަމް އެގްޒިބިޝަންގައި ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުން ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދެމުން އަންނަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބައިވެރިވާން ނިންމައިފި އެވެ.
މަޓާޓޯގެ ސެކްރިޓަރީ ޖެނެރަލް އިބްރާހިމް މުނާޒު ވިދާޅުވީ، އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އިންޑިއާސް އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓުއަރިޒަމް އެގްޒިބިޝަން (އައިއައިޓީޓީ)ގައި މަޓާޓޯއާ އެކު ފަހަކަށްވުރެ ގިނަ ޓްރެވަލް އެޖެންޓުންނާއި ރިސޯޓްތައް ބައިވެރިވާނެ ކަމަށެވެ. އަދި މިހާރު ވެސް އެ އެގްޒިބިޝަންގައި ބައިވެރިވުމަށް އެދި ހުށަހަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ ވިޔަފާރީގެ މައުރަޒުތަކާއި ކޮންފަރެންސްތައް ބޭއްވުމުގައި ފާހަގަކޮށްލެވޭ އިނގިރޭސިވިލާތުގެ އޯގަނައިޒާއެއް ކަމަށްވާ އައިޓީއީ އިން އިންތިޒާމް ކޮށްގެން ބާއްވާ އެ އެގްޒިބިޝަން އޮންނާނީ އަންނަ މަހުގެ 15 އިން 17 އަށް އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު، މުންބާއީގެ ބޮންބޭ އެގްޒިބިޝަން ސެންޓަރުގަ އެވެ.
މުންބާއީގައި ބާއްވާ އައިއައިޓީޓީ އަކީ އަންނަ އަހަރު މަޓާޓޯ އިން ބައިވެރިވާން ނިންމާފައިވާ ހަ ބައިނަލްއަގްވާމީ ޓްރެވަލް އެގްޒިބިޝަންގެ ތެރޭގައި ހިމެނޭ އެއް އެގްޒިބިޝަނެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިއަށްދިއުމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުން އަންނަ މަޓާޓޯ އިން ވަނީ ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑު މާކެޓެއް އޮތް ރަޝިއާގެ ވެރިރަށް މޮސްކޯގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި އިންޓަނޭޝަނަލް ރަޝިއަން ޓްރޭވަލް މާކެޓް "އޯޑިހް" ފެއާގައި ވެސް ބައިވެރިވެފަ އެވެ.