24 Dec 2014, 13:24
ޢިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްކުރެއްވުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމަށް ޝަރަފުގެ އައްޑަނައެއް އަރުވައިފި އެވެ.
މި އައްޑަނަ ރައީސުލްޖުމްހޫރިއްޔާ އަށް އެރުވީ، މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި މަސީގެ ރައީސް ޢަބްދުﷲ މުޙަންމަދު ދެއްކެވި ވާހަކަފުޅުގައި ޢިމާރާތްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށްޓަކައި ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި ޢިމާރާތްކުރުމުގެ ދާއިރާ އަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރެއްވި ކަމަށް ޓަކައި މަސީގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެދާއިރާގެ ތަރައްގީއަށް ސަރުކާރުން އަބަދުވެސް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.