ޖަމު ކަޝްމީރުގައި ބޭއްވި އިންތިހާބުން އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ނުލިބުމުން ކޯލިޝަން ސަރުކާރެއް އުފައްދަން ޖެހިއްޖެ އެވެ.

ޒީ ނިއުސް އިން މިއަދު ބުނީ އިންތިހާބުން 28 ގޮނޑި ޕީޑީޕީ އިން ހޯދި އިރު ބީޖޭޕީ އަށް ހޯދުނީ 25 ގޮނޑި ކަމަށާއި ކޮންގްރެސް ޕާޓީ އަށް 12 ގޮނޑި ކަމަށެވެ. އަދި ނޭޝަނަލް ކޮންފަރެންސް އިން 15 ގޮނޑި ހޯދި ކަމަށާއި އަމިއްލަ މެބަރުންނާއި ކުދި ޕާޓީތަކުން ހަތް ގޮނޑި ހޯދި ކަމަށެވެ.

ބީޖޭޕީ އިން މަސައްކަތް ކުރަނީ ރީޖަނަލް ޕާޓީ ޕީޑީޕީ އަށް ލިބުނު 28 ގޮނޑިއާ އެކު ކޯލިޝަން ސަރުކާރެއް އުފެއްދުމަށެވެ. އޭރު އެެ ކޯލިޝަނަށް 44 ގޮޑި ލިބި މުޅި ހައުސްގެ މެޖޯރިޓީ ނެގޭނެ ކަމަށް ޒީ ނިއުސް އިން ބުންޏެވެ. ނަމަވެސް ކޮންގްރެސް އިން މަސައްކަތް ކުރަނީ ރީޖަނަލް ޕާޓީގެ ތާއީދު އެ ޕާޓީ އަށް ހޯދައި ކޮންގްރެސް އަށް ލިބުނު 12 ގޮނޑިއާއި އަދި ކުދި ޕާޓީގެ ގޮނޑިކޮޅަކާ އެކު ކޯލިޝަން ހެދުމަށެވެ.

ރީޖަނަލް ޕާޓީ، ޕީޑީޕީ އިން ބުނީ ގޮތެއް ނިންމާނީ އެ ޕާޓީ އަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމަށް ފަހު ކަމަށެވެ. ކޮމްގްރެސް އިން ހުށަހަޅަނީ އެއްވެސް ޝަރުތަކާ ނުލައި ޕީޑީޕީއާ އެކު ކޯލިޝަން ހެދުމަށެވެ. ބީޖޭޕީ އިން ހުށަޅަނީ މަޖިލީހުގެ ނާއިބު ރައީސްގެ ގޮނޑި އެ ޕާޓީ އަށް ދޭ ގޮތަށެވެ.