24 Dec 2014, 13:03
މި އަހަރު ގެންނާނެ ކަމަށް ކުރިން ބުނެފައިވާ މޯލްޑިވިއަންގެ ފަސް ވަނަ ސީޕްލޭން ރާއްޖެ ގެނެވޭނީ މިފެށޭ އަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް މިއަދު 'ސަން 'އަށް ވިދާޅުވީ، މި އަހަރު ގެންނަން ކުރިން ނިންމާފައިވާ އެ ސީޕްލޭން ގެނައުން ލަސްވީ ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ކަމަށާއި މިފެށޭ ޖެނުއަރީ މަހުގެ ފަހުކޮޅުގައި އެ ސީޕްލޭން ރާއްޖެ ގެނެވޭނެ ކަމަށެވެ.
މޯލްޑީވިއަން އިން އަލަށް ވެސް ގެންނަން ނިންމާފައި ވަނީ މިހާރު ވެސް ގެނެސްފައިވާ "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް"ގެ ބޯޓެކެވެ. އެ ބްރޭންޑްގެ ހަތަރު ސީޕްލޭން މޯލްޑިވިއަން އން މިހާތަނަށް ވަނީ ގެނެސްފަ އެވެ. އެންމެ ފަހު ސީޕްލޭން ގެނެސްފައިވަނީ މިމަހުގެ ކުރީކޮޅުއެވެ. ފެށޭ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި އެކުންފުނީގެ ދެ ވަނަ ޖެޓް އެއާ ކްރާފްޓް ގެނެވޭނެ ކަމަށް ވެސް މޯލްޑިވިއަންއިން ބުންޏެވެ.
މޯލްޑިވިއަންގެ ސީޕްލޭންތައް ދަނީ ތ. އަތޮޅަށާއި ހއ. އަތޮޅަށް އާންމުކޮށް ދަތުރުތައްކުރަމުންނެވެ. އަދި ޗާޓާ ދަތުރުތައް އެހެން އަތޮޅުތަކަށް ވެސް ކުރެ އެވެ.
ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރަމުން ގެންދިޔަ ދެ ކުންފުނި ކަމަށްވާ މޯލްޑިވިއަން އެއާ ޓެކްސީ (އެމްއޭޓީ) އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މެޖޯރިޓީ ހިއްސާ މަޝްހޫރު ޕްރައިވެޓް އިކުއިޓީ ކުންފުންޏެއް ކަމަށްވާ ނިއުޔޯކުގެ "ބްލެކްސްޓޯން ގުރޫޕް" އިން ގަތުމަށް ފަހު އެ ދެ ކުންފުނި ވަނީ އެއްކޮށްލައިފަ އެވެ.