24 Dec 2014, 12:46
ސައުދީ އަބިއްޔާއާ އާއި ރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެގައުމުގެ އިންވެސްޓްމެންޓްތައް ރާއްޖެ އަށް ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި އެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ޢަބުދުﷲ ބިން ޢަބުދުލް ޢަޒީރު އަލް ސައުދުގެ އެދިވަޑައިގަތުމަކަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ވަފުދުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާ އެކު އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވެވި ބައްދަލުމެއްގައި ވާހަކަފުޅު ދައްކަވަމުން ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑރ. ޢަބުދުﷲ އަލް ޢުބައިދު ވިދާޅުވީ އެގައުމުގެ ވިޔަފާރިވެރިންނާ އެކު އިތުރު ވަފުދެއް ރާއްޖެ އަށް ޒިޔާރަތް ކުރުމަށް އުއްމީދުކުރައްވާ ކަމަށެވެ.
"...އަޅުގަނޑުމެންގެ މިވަފުދުގައި ވަޑައިގެންނެވީ ސަރުކާރުގެ ތަފާތު އިދާރާތަކުގެ ބޭފުޅުން. ސަރުކާރުގެ ހަތަކަށް ވުރެ ގިނަ އިދާރާގެ މަންދޫބުން. ޕްރައިވެޓް ސެކްޓާގެ ބައެއް ވިޔަފާރިވެރިން ވެސްމެ. ﷲ އިރާދަކުރެއްވިއްޔާ މިއަށް ވުރެ ބޮޑު ވަފުދަކާ އެކު ކުރިމަގުގަިއ ރާއްޖެ އައުމަށް އަޅުގަނޑުމެން އުއްމީދުކުރަން. އަދި އަޅުގަނޑުމެންނާއި އެކު އިތުރު ވިޔަފާރި ވެރިން ގެނައުމަށް. އެހެނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އިންވެސްޓްމެންޓް މުހިއްމު،" ޑރ. ޢަބުދުﷲ ވިދާޅުވި އެވެ.
ބައްދަލުވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވީ ސައުދީ ވަފުދުގެ ބޭނުމަކީ ރާއްޖެ އަށް އެހީތެރިކަން ދެވޭނެ ދާއިރާތައް ދެނެގަތުމާއި ރާއްޖޭގައި އޮތް އިންވެސްޓްކުރުމުގެ ފުރުސަތުތައް ބެލުން ކަމަށެވެ. އަދި ވިދާޅުވީ އެވަފުދު ރާއްޖެ އަށް ޒިޔާރަތް ކުރީ ސައުދީ އަރަބިއްޔާ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ކުރެއްވި މަޝްވަރާތަކަކަށް ފަހުގައި ކަމަށެވެ.
"...މިއީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނުގެ އެދިވަޑައިގަތުމަކަށް ރާއްޖެ އަށް ވަޑައިގެންނެވި ވަފުދެއް. ރާއްޖެ އަށް އެހީތެރިވުމުގެ ދާއިރާތައް ބަލައި ރާއްޖޭގައި ހުރި އިންވެސްޓްމެންޓްތަކުގެ ފުރުސަތުތައް ބެލުމާއި އަދި ރާއްޖޭގެ ސަރުކާރުގެ މަސްއޫލުވެރިންނާއި ބައްދަލުކުރުން،" ޑރ. ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު އަދި ވިދާޅުވީ ސައުދީ ވަފުދުން މާދަމާގެ ވަގުތެއްގައި ރައީސް ޔާމީނާއި ބައްދަލުކުރައްވާނެކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން ވެސް އެބޭފުޅުންނާ އެކު ބައްދަލުވުމެއް އިންތިޒާމް ކުރައްވާނެ ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
ސައުދީ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑރ. ޢަބުދުﷲ އަލް ޢުބައިދާއި އެގައުމުގެ ޖެނެރަލް އިންވެސްޓްމެންޓް އޮތޯރިޓީގެ ޑެޕިއުޓީ ގަވާނާ ފޯ އިންވެސްޓްމެންޓް ޑިވެލޮޕްމެންޓް ޕްރޮމޯޝަން ފައިސަލް ބަފަރާތާއި ކައުންސިލް އޮފް ސައުދީ ޗެމްބާސްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޚާލިދު އަލް ވިކައިސީއާއި މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަންގެ ޑައިރެކްޓަރް އޮފް އިންޓަނޭޝަނަލް ސްޓޫޑެންޓްސް ޑރ. ބަންދަރު އެމް އަލް ހަރުކާންއާއި މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އޮފް ފޮރިން ޓްރޭޑް ރިލޭޝަންސް ޑރ. ބަދުރު އަލް ސަގްރީ ހިމެނިވަޑައިގަންނަވަ އެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސެކްރެޓަރީ އޮފް ދަ ޕްރިޕަރޭޓަރީ ކޮމިޓީ އޮފް ދަ ސްޕްރީމް ކައުންސިލް ފޯ އިސްލާމިކް އެފެއާޒް ޢަބުދުލް ޢަޒީރު އެން އަލް ޞާލިޙާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑައިރެކްޓަ ޖެނެރަލް ފޯ ކަލްޗާ އަބުދުއް ރަޙުމާން އަލް މުހައިރިބާއި ޑިޕްލޮމެޓިކް އަޓާޗޭ ޢަބުދުﷲ އައި އަލްމަވާޝްއާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ ސިވިލް އިންޖިނޭރެއްކަމަށްވާ ސަޢުދު އައް ޝަމަރީއާއި މިނިސްޓްރީ އޮފް ކަލްޗާ އެންޑް މީޑިއާ މީޑިއާ ކޮންސަލްޓެންޓް ހާޝިމް މިދާރާއި މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ކޮމާޝަލް މޮނިޓާ ހުސައިން އައް ރާޝިދާއި އެމިނިސްޓްރީގެ އިކޮނޮ މިކް ރިސާޗާ އިމާދު އަލް ޣާމިދީއާއި ސައުދީ ފިޝަރީޒް ކޮމްޕެނީގެ ސީއީއޯ މުޙައްމަދު އަލް ސަހައިލް ވެސް އެވަފުދުގައި ހިމެނިވަޑައިގަންނަވަ އެވެ.