އެމްޑީޕީގެ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އެމްޑީޕީގެ މެމްބަރު ކަމުން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީ އިން ނިންމި ނަމަވެސް އެ ޕާޓީގެ މެމްބަރު ކަމުން އޭނާ ވަކި ނުކުރެވޭނެ ކަމަށާއި އަދި އަދި އެމްޑީޕީއަކުން އޭނާ ވަކި ނުވާ ކަމަށް މޫސާ ވިދާޅުވެއްޖެ އެވެ.

"ސަން" ދެއްވި އިންޓަވިއުއެއްގައި މިއަދު މޫސަ ވިދާޅުވީ އޭނާއާ ދޭތެރޭ އެމްޑީޕީ އިން އެޅި ފިޔަވަޅަކީ ގާނޫނީ ގޮތުން ބެލި ނަމަވެސް އަދި އިންސާނީ އުސޫލުތަކުން ބެލި ނަމަވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މޫސަ ވިދާޅުވީ "ވަކި މީހަކު" އެންގުމުން ޕާޓީ ދޫކޮށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މޫސަ ވިދާޅުވީ ޕާޓީން ވަކިވިކަން ނުވަތަ ނޫންކަން ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

"އަޅުގަނޑާ ދޭތެރޭ އެމްޑީޕީ އިން އެގޮތަށް ފިޔަވަޅު އެޅުމުން އަޅުގަނޑަށް ވަރަށް ގިނަ މީހުން ގުޅައި އެ ވާހަކަތައް އެބަ ދައްކާ. ދެން އެ ފިޔަވަޅަކީ ބަލައިގަނެވޭނެ ފިޔަވަޅެއް ނޫން. އަޅުގަނޑު އެމްޑީޕީ ދޫކޮށްފައެއް ނުދާނަން. އަޅުގަނޑާ ބެހޭ ގޮތުން ކަމެއް ނިންމަން ޖެހޭނީ އިލެކްޝަންްސް ކޮމިޝަނުން. އަޅުގަނޑު ދާނީ އިލެކްޝަންސް ކޮމިޝަނުން ޕާޓީން ވަކިވި ކަމަށް ނިންމައިފިއްޔާ ދެން އަޅުގަނޑު ކުރާނެ އެހެން ކަމެއް ނޯންނާނެ." މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މޫސަ ވަކިކުރަން ނިންމި ހިސާބުން ޕީޕީއެމް އަށް މޫސަ ސޮއިކުރަން އުޅުއްވާ ވާހަކަތަކެެއްގެ އަޑު ވަނީ ފެތުރިފަ އެވެ. މޫސަ ވިދާޅުވީ އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ދިއުމަށް އެމަނިކުފާނު ގަސްތެއް ވެސް ނުކުރައްވާ ކަމަށެވެ. އަދި ހަމައެއާ އެކު އެހެން ޕާޓީއަކަށް ވެންނެވުމަށް އޭނާ ސޮއި ވެސް ނުކުރައްވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑު އެމްޑީޕީގައި އުޅޭތާ މިހާރު 15 ވަރަކަށް އަހަރު މިވަނީ. އެހެންވީމާ ވަކި މީހަކު ބޭނުންވީމާ ޕާޓީ އިން ވަކިކޮށް އެމީހަކަށް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޓަކައި އޭނަ އަށް ހުރަހަކަށް ވާތީވެ އަޅުގަނޑު ބޭރުކޮށްލަން މަސައްކަތް ކުރާކަން އަޅުގަނޑަށް އެނގޭ. އެއީ ހަމަ ސީދާ ރައީސް ނަޝީދު އަޑީގައި ހުރެ ރާވައިގެން ކުރިއަށް ގެންދާ ކަމެއް މިއީ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އެމްޑީޕީ އިން ކޮށްފައިވާ ކަންތައްތަކަކީ ގަވާއިދާ ހިލާފު ކަންތައްތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގައި މައްސަލަތަކެއް ހުރި ކަމަށާއި އެ ކޮމިޓީ އަށް މެމްބަރުން ހޮވާފައި ތިބި ގޮތް ވެސް ބައްލަވަން ބޭނުންފުޅުވާ ކަމަށެވެ. މޫސަ ވިދާޅުވީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ އަށް މެމްބަރުން ނެގޭނީ ގައުމީ މަޖިލީހުން ނިންމާ ނިންމުމަކަށް ކަމަށެވެ.

"ފިޔަވަޅު އަޅާ ކޮމިޓީ އަށް އެބަ ތިބި ރައީސް ނަޝީދަށް ފެނިވަޑައިގަންނަވައިގެން ރައީސް ނަޝީދު ބޭނުންވާ މެމްބަރުން ނަގާފައި. އަޅުގަނޑު ރޭ މާލެ އައިސް ފިޔަވަޅު އަޅާ ކޮމިޓީގެ މެމްބަރުންނަށް ގުޅިން. މިއިން އެއްވެސް ބޭފުޅަކު އެއިން ބޭފުޅަކު ސޮއިކުރެއްވި ވާހަކަ ވެސް ނުބުނޭ. ކޮންމެ ބޭފުޅަކު ވެސް ވިދާޅުވަނީ ތިއީ މުޅިން އެހެން ގޮތަކަށް ހިނގައިފައި އޮތް ކަމެކޭ. ތިމަންނަމެނަށް ވަރަށް އުނދަގުލޭ މޫސަ ކައިރީ ތިޔަ ވާހަކަ ބުނަން." މޫސާ މަނިކު ވިދާޅުވި އެވެ.

އެމްޑީޕީ ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރު އަދި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ މޫސާ މަނިކު ވަކިކުރަން ނިންމީ ޕާޓީގެ ޕީޖީ ގްރޫޕުން ނެރެފައިވާ ތްރީލައިން ވިޕްތަކާ ތަކުރަރާރުކޮށް މޫސަ ހިލާފުވެފައި ވާތީ ކަމަށެވެ.

އެހެންނަމަވެސް މޫސަ ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގުރޫޕުން ވިޕްލައިން އަޅާ އިރު އެތައް ބަޔަކު ރާއްޖެ އިން ބޭރުގައި ތިއްބަވާ ކަމަށެވެ.

"އޭގެތެރޭގައި މާރިޔާދީދީ ހިމެނިވަޑައިގަންނަވާ. ޝާހިދު ހިމެނިވަޑައިގަންނަވާ. އީވާ ހިމެނިވަޑައިގަންނަވާ. ރޮޒެއިނާ ހިމެނިވަޑައިގަންނަވާ. މީގެ ކުރީގައި އެސްއީޒެޑް ކަހަލަ ބިލުތަކަށް ވޯޓު ދިނުމުގައި މިބޭބޭފުޅުން ރާއްޖެ އިން ބޭރުގައި އުޅުއްވި. އެހެންވީމަ ވިޕެއް އަޅައިފިއްޔާ އޭގެ މާނައަކީ އެ ވިޕަށް އިހުތިރާމް ކުރުމަށް އެއްބަޔަކު ބޭރުގައި ބަހައްޓައިފައި އަނެއް ބަޔަކު ވޯޓު ލާފައި އެދެން މާބޮޑު ކަމަކަށް ނުހެދުން. އެހެންވީމަ އެބޭފުޅުން ބޭނުންވާ އިރެއްގައި ފަނޑިޔާރުންގެ ކަންތައް ވެސް މުހިއްމުވެފައި ބޭނުން ނުވެއްޖިއްޔާ މުހިއްމު ނުވެފައި. އެހެންވީމާ ފިޔަވަޅު އަޅާ ކޮމިޓީން ބަލަން ޖެހޭނެ ކޮބައިތޯ އާންމުކޮށް ވިޕްލައިންތަކާ ހިލާފުވާ ފަރާތްތަކަކީ." މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު "ގާނޫނީ ވާޖިބު" އަދާ ކުރުމުގެ ގޮތުން މަޖިލީހުގައި ދައްކާ ވާހަކައަކުން ނުވަތަ އެމީހަކު ވޯޓުދެއްވާ ގޮތަކުން އެމީހަކާއި ދޭތެރޭ އެއްވެސް ކޯޓަކުން އެއްވެސް ފިޔަވަޅެއް އެޅިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު މޫސަ އަށް އަދަބު ދިނުމަކީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމީޓީން ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

ޕާޓީން ވަކިކޮށްފައިވާ މޫސަ އަލުން ޕާޓީއާ ގުޅެން ބޭނުންވެއްޖެ ނަމަ އެކަން ކުރެވޭނީ އޭނާއާ އެކު އިތުރު 50 މެމްބަރުންގެ ސޮއާ އެކު މެމްބާޝިޕް ފޯމް ހުށަހެޅުމުންނެވެ. ޕާޓީ އަށް އަލުން ގުޅިވަޑައިގަންނަވާ ތާރީހުން ފެށިގެން ފަސް އަހަރު މުއްދަތުގެ ތެރޭގައި ޕާޓީގެ އެއްވެސް މަގާމަކަށް އަދި އެއްވެސް ޕްރައިމަރީއެއްގައި ވާދަ ނުކުރެވޭނެ ކަމަށް ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވެ އެވެ.

މޫސަ ވިދާޅުވީ އިންތިހާބުތަކަށް ކުރިމަތިލުމާއި އިންތިހާބުތަކުގައި ވާދަކުރުމަކީ ގާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ހައްގެއް ކަމަށެވެ. މޫސަ ވިދާޅުވީ ފިޔަވަޅު އަޅާ ކޮމިޓީން އޭނަ އަށް އެއްވެސް ޕްރައިމަރީއެއްގައި ވާދަ ނުކުރެވޭ ގޮތަަށް ނިންމާފައި ވަނީ 2018ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ބުނުމުން އެކަން ހަނިކުރުމުގެ ގޮތުން ކަމަށެވެ.

"އެހެންވީމާ އޭގެއިން ވަރަށް ރަނގަޅަށް އެބަ އިނގޭ 2018ގައި އަޅުގަނޑު ރައީސް ނަޝީދުއާ ވާދަކުރަން ބުނީމާ އެކަން ހަނިކުރުމުގެ ގޮތުން ކުރައްވާފައިވާ ކަމެއްކަން. އަޅުގަނޑެއް އިންތިހާބުތަކަށް ކުރިމަތިލުމަށް އިންތިހާބުތަކުގައި ވާދަކުރުމުގެ ހައްގު ގެއްލުވާލެވޭނެ އެއްވެސް ގޮތެއް ނެތް. އެހެންވީމަ ގާނޫނު އަސާސީ އިން ބާރު ލިބިގެން އުފައްދާފައިވާ ސިޔާސީ ޕާޓީއެއްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އުސޫލުތަކާ ހިލާފަށް ގާނޫނު އަސާސީ އަށް ގޮންޖަހާފައި އަޅުގަނޑު ކަހަލަ މީހަކު ބޭރުކޮށްލަން ކުރާ ކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން." މޫސަ ވިދާޅުވި އެވެ.

ޕާޓީން ވަކިކޮށްފައިވާ މޫސަ އަލުން ޕާޓީއާ ގުޅެން ބޭނުންވެއްޖެ ނަމަ އެކަން ކުރެވޭނީ އޭނާއާ އެކު އިތުރު 50 މެމްބަރުންގެ ސޮއާ އެކު މެމްބާޝިޕް ފޯމް ހުށަހެޅުމުންނެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށާއި ޕާޓީއަށް އަލުން ގުޅިވަޑައިގަންނަވާ ތާރީހުން ފެށިގެން ފަސް އަހަރު މުއްދަތުގެ ތެރޭގައި ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވެސް ވާދަ ނުކުރެވޭނެ ކަމަށް ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވެ އެވެ.