03 Feb 2011, 16:02
އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނަށް މިއަދު އަމަލު ކުރަން ފަށައިފި އެވެ.
މިދިޔަ އޮގަސްޓް 3، 2010ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާ އެ ގާނޫނަށް މިއަދު އަމަލު ކުރަން ފެށުމާ އެކު މަގު ހިނގާ އުޅޭ މީހުންނާއި އާންމު ގޮތެއްގައި ހުރިހާ އެންމެނަށް ވެސް ބޮޑެތި ފައިދާތަކެއްވާނެ ކަމަށް ބެލެވެ އެވެ.
އެ ގާނޫނުގައިވާ ގޮތުން މީހުންނާ ފޮށުމާއި ބިރުދެއްކުމާއި ގަޔަށް އަތްލުމާއި ގޭގެއަށް އެއްޗެހި އުކުމާއި ހުއްދަ ނުހޯދައި ގޭގެއަށް ވަނުމަކީ ވެސް މަނާ ކަމެވެ. މީގެ އިތުރުން ޖިންސީ ގުނަވަނެއް ހާމަ ކުރުމާއި އެފަދަ މަންޒަރެއް ނުވަތަ ލިޔުމެއް ލިޔެފައިވާ ހެދުމެއް ލުމަކީ ވެސް އެ ގާނޫނުގެ ދަށުން ހުއްދަ ކަމެއް ނޫނެވެ. އަދި އާންމުތަންތަނަށް ކުޑަކަމު ދިޔުމާއި މަގުމައްޗަށް ކުނި އަޅައި މަގު ހަޑި ކުރުމަކީ ވެސް މަނާ ކަމެވެ.
ފާރުތަކުގަ އާއި މަގުމަތީގައި ހުންނަ އެއްޗެހީގައި ގްރެފިޓީ ކުރެހުމަކީ މިހާރަކަށް އައިސް މާލޭގައި ވަރަށް އާންމު ކަމެކެވެ. އެކަމަކު މި ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު އެކަން ވެސް މަނާ ވާނެ އެވެ. އަދި އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް ޓީވީގެ އަޑު ބާރު ކުރުން ނުވަތަ ބާރަށް ލަވަޖެހުން ފަދަ ކަންކަން ކުރުމުން ވެސް މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ އެވެ.
މި ގާނޫނުގައި އިޖްތިމާއީ މިންގަނޑުތަކާ ހިލާފްވާ ކުޑަކުދިންގެ ބެލެނިވެރިންނާއި އެ ކުދިން ޒިންމާ ކުރުވުމަށް ބާރު އަޅާފައިވެ އެވެ. އެގޮތުން އުމުރުން 16 އަހަރުން ދަށުގެ ކުއްޖަކު ދަންވަރު 12 ގެ ފަހުން ޒިންމާދާރު މީހަކާ އެކު ނޫން ގޮތަކަށް މަގު މަތީގައި އުޅޭ ނަމަ އެ ކުއްޖާއަށް ވެސް އެ ގާނޫނުގެ ދަށުން އަދަބު ދެވޭނެ އެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތައް ކުރުމުން ދެވޭ އަދަބުތައް ވެސް ވަރަށް ތަފާތެވެ. އެގޮތުން އިޖްތިމާއީ މިންގަނޑާ ހިލާފް އަމަލުތަކެއް ކުރާ މީހަކާ އެކަމަށް ނުކުރުމަށް އެއްބަސްވެ ސަރުކާރާ ދެމެދު އެއްބަސްވުމެއް ގާއިމް ކުރެވިދާނެ އެވެ. އަދި އިޖްތިމާއީ މިންގަނޑާ ހިލާފް އަމަލެއް މީހަކު ކުރުމުން ވަކި ކަންތައްތަކެއް ކުރުން އޭނާއަށް މަނާކޮށް ވަކި ކަންތައްތަކެއް ކުރުމަށް ލާޒިމްކޮށް ކޯޓުން އެމީހަކަށް އަމުރެއް ވެސް ކުރެވިދާނެ އެވެ. މީގެ އިތުރުން ކުށް ކުރާ މީހުންނަށް އިންޒާރާއި ނޯޓިސް ވެސް ދެވިދާނެ އެވެ.