މަހަށް ނުކުމެ އުޅުނު އއ. އުކުޅަހު ދޯންޏަކުން 20 ކިލޯގެ މާވަހަރެއް ހޮވައިފި އެވެ.

ކޮންކޯޑު" ނަމަކަށް ކިޔާ އެ ދޯނީގެ ވެރިފަރާތް ކަމުގައިވާ އެރަށު ވައިލެޓްވިލާ، އިސްހާގު މުއީން މިއަދު "ސަން" އަށް މައުލޫމާތު ދެމުން ބުނީ އެ ހުދަންބަރު ފެނުނީ އިއްޔެ ހަވީރު އެމީހުން ކަންނެއްޔަށް ނުކުމެ އުޅެނިކޮށް ކަަމަށެވެ. އަދި އެ މާވަހަރު ފެނުނީ ހޯރަފުއްޓާއި ދިމާ ބޭރު ހުޅަނގު ދެކުނުން 30 މޭލު ބޭރުގައި ދޯނި އޮއްވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ މާވަހަރު އޮތީ ދެ ފެން ދޭތެރޭގައި ދޯންޏާ ފުދޭވަރަކަށް ކައިރީގައި، އެންމެ ފުރަތަމަ އެ މާވަހަރު ފެނުނީ އެ ދޯނީގެ ވީލް ހައުސްމަތީގައި ތިބި ދެ ފަޅުވެރިއަކަށް. އެމީހުން ދޯނި ގާތްކުރީ، އެކަމަކު އެ ވަގުތު ދެ ކަންނެލި ގަނެގެން އުޅޭތީ އެ އެއްޗެހި ބާނާފައި ގޮސް މާވަހަރު ނެގީ. ނެގި އިރު ވެސް އެނގޭ އެއީ ހުދަންބަރެއްކަން،" އިސްހާގު ބުންޏެވެ.

އުކުޅަހު ދޯންޏަކަށް ނެގި މާވަހަރު -- ފޮޓޯ/ އެފްބީ

އެ ދޯނި މަސްބަރުކޮށްގެން މިހާރު ދަތުރުކުރަމުން ގެންދަނީ ހިންމަފުއްޓަށް ކަމަށް އޭނާ ބުންޏެވެ. އަދި އެ ރަށަށް މަސްކޮޅު ކިރުވުމަށް ފަހު މާލެ އައިސް އެ މާވަހަރު ވިއްކާލުމަށް ނިންމާފައިވާ ކަމަށާއި މާވަހަރު ވިއްކާލައިގެން ލިބޭ ފައިސާ އެ އޮންނަ އުސޫލެއްގެ މަތިން ދޯނީގެ ފަޅުވެރިންނަށް ބެހުމަށް ހަމަޖައްސާފައިވާ ކަމަށް މީގެ 15 ވަރަކަށް އަހަރު ކުރިން ކިލޯއެއް ހަމަނުވާ މާވަހަރެއް ހޮވި އިސްހާގު ބުންޏެވެ.

އެ ދޯނިން ނެގި މާވަހަރު ވިއްކާލާނެ ފަރާތެއް ހޯދުމަށް މާލެގައި އުޅޭ ދެ މީހަކާ ގުޅައިގެން މަަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.