24 Dec 2014, 12:08
ނ. މިލަދޫ ދިއްގާމާގޭ އަހްމަދު މާޒިން މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
މާޒިން މަރުވެފައި ވަނީ ހެންވޭރު އަޑިޕާކް ސަރަހައްދުގައި މިދިޔަ އޯގަސްޓު މަހުގެ ދެ ވަނަ ދުވަހު އިތުރު މީހަކާ އެކު އޭނާ ހުއްޓައި ގްރޫޕަކުން އޭނާ އަށް ތޫނުއެއްޗެހިން ދިން ހަމަލާއަށް ބޭސްފަރުވާ ކުރަމުންދަނިކޮށް އެ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ހއ. ބާރަށް މުޝްތަރީގޭ ހާނިފް އިމްތިޔާޒު އާއި އއ. މާޅޮސް މީނާޒު އިސްމާއީލް އުޝާމް އާއި ގއ. ދެއްވަދޫ ދޭލިޔާގޭ މިދުހަތު އިބްރާހީމްގެ އިތުރުން ތ. ވިލުފުށީ ނަލަހިޔާގޭ މޫސާ ހުސައިންގެ މައްޗަށް ކަމަށެވެ. އަދި އެ މައްސަލަ ކޯޓުން ބަލައިގެންފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ އެންމެންގެ މައްޗަށް ވެސް ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ. އަދި އެފަދަ މަގުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީގޮތުން ގެއްލުމެއް ލިބޭފަދަ ކަމެއް ކުރުން ނުވަތަ ކުރަން އުޅުމަކީ ވެސް ޓެރަރިޒަމްގެ ކުށެއް ކަމަށް އެ މާއްދާގައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާޒިން މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުން އަދިވެސް ތިބީ ހައްޔަރުކޮށްފައި ކަމަށެވެ. މާޒިންގެ ހަށިގަނޑުގެ 11 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވެ އެވެ. އޭނާ މަރުވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އެ ހޮސްޕިޓަލްގެ ޑޮކްޓަރުން އޭނައާ މެދު އުންމީދު ކަނޑާލުމުން، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.