24 Dec 2014, 11:25
އާންމު އިޖްތިމާއީ މިންގަނޑުތަކާ ބެހޭ ގާނޫނުގެ ފަސް ވަނަ މާއްދާގެ "އ"ގައި ބުނެފައި ވަނީ އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ގެންގުޅުމާއި ބޭނުންކުރުމަކީ ކުށެކެވެ. ހަމައެހެންމެ ޖިންސީ ގުނަވަނެއް ނުވަތަ އެފަދަ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ ހެދުން ބޭނުން ކުރުމަކީ ވެސް ކުށެކެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 128 ވަނަ މާއްދާގެ ދަށުން މަސްތުވާތަކެއްޗަށް ހިތްވަރުދިނުމާއި ޝައުޤުވެރިކުރުވުމަކީ ކުށެކެވެ. އަދި އެ މާއްދާގެ ދަށުން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ.
"މަރުވާނާ" ފަތެއް ނިޝާނަކަށް އިން ބެލްޓެއް އަޅައިގެން އުޅުނު މީހަކު ފުލުހުން ހައްޔަރުކުރި ހަބަރު ރޭ ޖެހުމާ އެކު ގިނަ ބަޔަކު އެކަން ނެގީ ޖޯކަކަށެވެ. އެހަބަރު އެތައް ބަޔަކު ފޭސްބުކް ފަދަ ސޯޝަލް މީޑިއާތަކުގައި ޝެއާ ކޮށްފައިވާ އިރު އެޕޯސްޓަށް ކޮށްފައިވާ ކޮންމެންޓުކުގައި އުފައްދާފައިވާ އެންމެ ބޮޑު ސުވާލަކީ "އެފަދަ ތަކެތި ވިއްކަން ހުއްޓަސް އޯކޭ ދޯ، އެޅީމަ ދޯ މައްސަލައަކީ؟" މިއީ އެވެ. އެއެންމެން ވެސް އެކަމަށް ޖޯކް ޖަހައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ފާޑުކިޔުންތައް އޮއްސާލި އެވެ.
"ހީހީ ބެލްޓު އެތެރެކުރި އިރު ކަސްޓަމުސް މީހުން ތިބީ ނިދާފައި!، ދެން އެ އަޅައިގެން މައްސަލައަކަށް މިވެގެން އުޅޭ ގޮތެއް ހަމަ ނުވިސް ނުނު" ބިލިމަގެ ނަމުގައި އެހަބަރަށް ކޮމެންޓު ކޮށްފައިވާ މީހަކު ބުނެފައިވެ އެވެ.
އިސްލާމް ދީނާ ހިލާފް ނިޝާންތަކާއި މަސްތުވާތަކެއްޗާއި، ހުޅަނގުގެ "ނުލަފާ" ދިރިއުޅުން ދައްކުވައިދޭ އެކިއެކި ތަކެއްޗަކީ މިއަދު މި މުޖުތަމައުގައި އިންތިހާ އަށް އާންމުވެފައިވާ ތަކެއްޗެވެ. އެތައް ޒުވާނުންނެއް އެމީހުންގެ ސުޓައިލްގެ ގޮތުގައި އެތަކެތި ބޭނުންކުރެ އެވެ. އެތައް ބަޔަކު ފާޅުގައި ސޮލީބް އަޅައިގެން އުޅޭތަން އެބަފެނެ އެވެ. ތަޅުދަނޑި ފުލުން ފެށިގެން ގޮސް ޓީޝާޓާއި ޖިންސްގެ އިތުރުން ފާޑުފާޑުގެ ފަށާއި އަތުގައި އަޅާ ގަހަނާއާއި އަނގޮއްޓި އާއި ބެލްޓާއި ސުކާފް ފަދަ ތަކެތީގައި ވެސް އެފަދަ މަންޒަރުތައް ދައްކުވައިދޭ އިރު އެތަކެތި ވިއްކަން ވެރިރަށް މާލޭގެ ފިހާރަތަކުގައި އެބަހުއްޓެވެ. ސައިކަލްތަކާއި ކާރު ފަދަ ތަކެތީގެ ޑިޒައިންގެ ގޮތުގައި ވެސް އެފަދަ ސުޓިކާ ބޭނުންކޮށްފައި އެބަހުއްޓެވެ. އެތައް ޒުވާނުންނެއް ދަނީ ފާޅުގައި އެތަކެތި ބޭނުން ކުރަމުންނެވެ. އެއްބަޔަކަށް އެއީ އަސްލު ކޯންޗެއްކަމާއި އެތަކެތި ބޭނުން ކުރުމަކީ ކުށެއްކަން ނޭނގި އެވެ. އަނެއް ބަޔަކު އެމީހަކު ބޭނުންވާ މަގުސަދެއް ހާސިލް ކުރުމަށެވެ.
ސަންގެ ނޫސްވެރިން ބެލިބެލުމުން ފާޅުގައި ވިއްކަން ހުރި ބައެއް ތަކެއްޗަށް ބަލާއިރު ކުރިސްޓިއަން ދީން ރަމްޒުކޮށްދޭ ސޮލީބާއި، ބުޑިޒަމް ރަމްޒުކޮށްދޭ ލޯގޯތަކުގެ އިތުރުން މަރުވާނާ ފަތްތަކާއި އެހެނިހެން "ލާދީނީ" މަންޒަރުތައް ދައްކުވައިދޭ ތަކެތި އެބަހުއްޓެވެ. އޭގެ ތެރޭގައި ހާއްސަކޮށް މުޖުތަމައުއާއި ނުގުޅޭ ބަދުއަހުލާގީ އަމަލުތަކަށް ގޮވާލާ، ލިޔުންތައް ހިމަނާފައިވާ ތަކެތި ހިމެނެ އެވެ.
ގާނޫނީ ވަކީލް އަލީ ޝާހް ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ ތަކެތި ވިއްކަން ހުރުން އަދި ބޭނުން ކުރުން އިންތިހާއަށް އިތުރުވެފައިވާ އިރު އެކަމުން ދައްކުވައިދެނީ ރާއްޖޭގައި ކޮރަޕްޝަންގެ ހާލަތު އޮތް މިންވަރު ކަމަށެވެ. ފާޅުގައި ފިހާރަތަކުގައި އެފަދަ ތަކެތި ވިއްކަން ހުންނަ އިރު އެކަން ނުހުއްޓޫވޭ ކަމީ ފުލުހުންގެ ގާނޫނީ ޒިންމާ އަދާ ނުކުރެވޭ ކަމުގެ ހެއްކެއް ކަމަށް ޝާހް ވިދާޅުވި އެވެ.
"ވަކި މީހަކު ކުރިޔަސް ހައްޔަރުކުރަންޖެހޭނެ، އެބެލްޓު އަޅައިގެން ހުއްޓާ ފެނުނު މީހާ ހައްޔަރުކުރުމަކީ އެފުލުހުންގެ މީހާ ގާނޫނީ ޒިންމާ އަދާކުރިކަން، ދެން ހުރި އެބައިތައް އިހްމާލުވެ ދޫކޮށްލުމަކީ މައްސަލައަކީ" ޝާހް ވިދާޅުވި އެވެ.
ސޮޮލީބާއި ޓެޓޫ އަޅައިގެން އުޅުމުން އެކަންތައްތައް ބެލެންޖެހޭނެ ކަމަށާއި ނަމަވެސް އެފަދަ މައްސަލަތައް ބެލުމަށް މިހާރު ވަނީ އިހްމާލު ވެފައިކަން ޝާހް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެއްޗަށް ހިތްވަރުދީ އެފަދަ ކަންކަމަށް ޝައުގުވެރިކަން އުފެދޭ ގޮތަށް އަމަލު ކުރާ ފަރާތްތަކާ މެދު ފުލުހުން ގާނޫނުގައި ބުނެފައިވާ ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް އުފެދޭ ސުވާލަކީ އެކަން އެގޮތަށް ވޭބާ އެވެ؟ އެކަންވާ ނަމަ ވެރިރަށް މާލޭގެ އެތައް ފިހާރައަކުން އެފަދަ ތަކެތި ވިއްކާކަށް ނުހުންނާނެ އެވެ. އެހެރަ ފާޅުގައި އެފަދަ ތަކެތި ވިއްކަނީ އެވެ. ދެން އޮތީ އެއަށްވުރެ ބޮޑު ޖޯކެއްގެ ވާހަކަ އެވެ.
ގާނޫނު ބުނާ ގޮތުން ދީނާއި ހިލާފުތަކެއްޗާއި މަސްތުވާތަކެއްޗަށް ހިތްވަރުދޭ ފަދަ ތަކެތި ރާއްޖޭގައި ގެންގުޅުމަކީ ކުށެކެވެ. ދެން އުފެދޭ ސުވާލަކީ އެފަދަ ތަކެތި ރާއްޖެ އެތެރެކޮށް ފިހާރަތަކުގައި ވިއްކަން އެހުންނަނީ ކީއްވެގެންތޯ އެވެ؟ އެއީ ގެންގުޅުން މަނާ ތަކެތި ކަމުގައިވާ ނަމަ އެތަކެތި އެތެރެކޮށް ވިއްކަން ބެހެއްޓެނީ ކީއްވެގެންހެއްޔެވެ؟ ބޮޑެތި ސުޓޮކްތަކުން އެހެރަ އެތެރެކުރަނީ އެވެ. ގާނޫނާ ހިލާފު ތަކެތި ރާއްޖެ އަށާް އެތެރެ ވިޔަ ނުދިނުމަށް ކަސްޓަމްސް ކޮބައިތޯ އެވެ؟
އެކަމާ ގުޅޭ ގޮތުން އަދި މިހާތަނަށް ވަނީ ކަސްޓަމްސްގެ ބަހެއް ލިބޭގޮތް ނުވެފަ އެވެ.
މިކަންވެސް ވެފައި މިވަނީ ރާއްޖޭގެ ގިނަ ގާނޫނުތަކާއި ގަވައިދުތަކަށް ވެފައިވާ ގޮތެވެ. އެއީ ހަމައެކަނި ލިޔެފައިވާ ލިޔުމަކަށް ވުމުންނެވެ. އެނޫން ނަމަ އެބުނާ ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ފާޅުގައި ނުވިއްކޭނެ އެވެ. އަދި އެތަކެތި އަޅައިގެން މަގުތައް މަތީ ފާޅުގައި ނޫޅެވޭނެ އެވެ. މިއީ ހަގީގަތުގައި ވެސް ޖޯކެކެވެ. އެތަކެތި ފާޅުގައި ފިހާރަތަކުގައި ވިއްކަން އެވަހުއްޓެވެ. މައްސަލައަކަށްވީ އެތަކެތި ގަނެގެން ބޭނުންކުރި މީހާ އެވެ.