ހެންވޭރު ބޯޅަ ގޭގައި ހުންނަ އޮލިމްޕިކް ކޮމިޓީގެ ރަސްމީ އޮފީހުން ލެޕްޓޮޕް ތަކަކާއި ކޮމްޕިއުޓަރު ސިސްޓަމްތަކެއް ވަގަށް ނަގައިފިއެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން އޮލިމްޕިކް ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލް އަހުމަދު މަރުޒޫގް ވިދާޅުވީ އެ އޮފީހުން ވަގަށް ނަގާފައި ވަނީ އޮލިމްޕިކް ކޮމިޓީގެ ހަޒާންދާރާއި ނައިބު ރައީސްގެ ދެ ކޮމްޕިއުޓަރު ސިސްޓަމުގެ އިތުރުން މަރުޒޫގުގެ އަމިއްލަ ލެޕްޓޮޕާއި އިތުރު އާ ތިން ލެޕްޓޮޕެއް ކަމަށެވެ. އަދި ވަގަށް ނަގާފައި ވަނީ ކޮމްޕިއުޓަރު ސިސްޓަމްތަކުގެ ހުރިހާ ސާމާނުތަކާ އެކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަގަށް ނެގީ އަޅުގަނޑުގެ ލެޕްޓޮޕާއި އަދި އިތުރު ތިން ލެޕްޓޮޕްގެ އިތުރުން ހަޒާންދާރާއި ނައިބު ރައީސްގެ ކޮމްޕިއުޓާ ސިސްޓަމްތައް. އެ ސިސްޓަމްތަކުގެ ހުރިހާ އެއްޗެއް ހުރީ ގެންގޮސްފައި. ނަމަވެސް އަޅުގަނޑުގެ ލެޕްޓޮޕް އެކަނި ގެންދިޔައީ. ލެޕްޓޮޕްގެ ދަބަސްވެސް ނުގެންދޭ. އަދި ދެން ގެންދިޔައީ އާ ތިން ލެޕްޓޮޕް. އެ ލެޕްޓޮޕް ތަކުގެ ފޮށިތައްވެސް ހުރީ ބަހައްޓާފަ،" މަރުޒޫގް ވިދާޅުވިއެވެ.

މަރުޒޫގް ވިދާޅުވީ އެތަނުން ވައްކަން ކުރިކަމަށް ލަފާކުރެވެނީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު 4:00 އާއި 8:00 ދެމެދުގެވަގުތެއްގައި ކަމަށެވެ.

"އަޅުގަނޑު ހޯމަ ދުވަހު ޔޫތު މިނިސްޓްރީއަށް ޕްރެސެންޓޭޝަނެއް ދޭން ދިޔައީ ލެޕްޓޮޕް ހިފައިން. އަދި ހަވީރު އޮފީހަށް އައިސް ލެޕްޓޮޕް އޮފީހުގަ ބައިންދާފަ އެ ދުވަހު ގެއަށް ދިޔައީ. ރޭގަނޑުވެސް އަޅުގަނޑު އޮފީހަށް ދިޔައިން. އަދި ލެޕްޓޮޕް ނެތުމުން ޔޫތު މިނިސްޓްރީގައި ބައިންދާފަ އާދެވުނުކަމަށް ހީކޮށް، ޔޫތު މިނިސްޓްރީއާވެސް އަޅުގަނޑު ވާހަކަ ދެއްކިން. ނަމަވެސް ލެޕްޓޮޕްގެ އިތުރުން އެހެން އެއްޗެހިވެސް ގެއްލިފައި ވާކަން ޔަގީންވީ މިއަދު އޮފީހަށް މުވައްޒަފުން އައުމުން. އިއްޔެ އެއީ ރަސްމީ ބަންދު ދުވަހަކަށް ވުމުން އޮފީސް ރަސްމީ ގޮތެއްގައެއް ނުހުޅުވަން،" މަރުޒޫގު ވިދާޅުވިއެވެ.

މަރުޒޫގް ވިދާޅުވީ މިއީ އޮލިމްޕިކް ކޮމިޓީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، އެ ކޮމިޓީން މިދިޔަ ތިން މަސްދުވަހު ކުރި މުހިންމު މަސައްކަތްތަކެއްގެ ތަފްސީލު އޭނާގެ ލެޕްޓޮޕްގައި ހުންނާނެ ކަމަށެވެ. އަދި އޭގެ ބެކްއަޕެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަންނަ އަހަރުގެ އިންޑިއަން އޯޝަން ގޭމްސްއަށް ތައްޔާރު ވުމުގެ ގޮތުން އަޅުގަނޑުމެން ހަދާފައި ހުރި ޕްލޭން ތަކާއި އޭގެ އިތުރުންވެސް މުހިންމު މަސައްކަތްތަކެއް އަޅުގަނޑުގެ ލެޕްޓޮޕްގައި ހުންނާނެ. އަދި މީގެ އިތުރުން މިދިޔަ ތިން މަސް ދުވަހު ކުރި މުހިންމު މަސައްކަތްތަކެއްވެސް ހުންނާނެ. އަދި ހަޒާން ދާރުގެ ސިސްޓަމުގައި ކޮމިޓީގެ ފައިނޭންޝަލް ކަންކަމާ ބެހޭ މުހިންމު ޑޮކިއުމަންޓުތައްވެސް ހުންނާނެ،" މަރުޒޫގް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ އޮފީހުން ކޮމްޕިއުޓަރު ސިސްޓަމް ތަކަކާއި ލެޕްޓޮޕްތަކެއް "ގެއްލިގެން" ފުލުހުންނަށް މިއަދު ހެނދުނު 9:40 އެހައިކަންހާއިރު ރިޕޯޓް ކޮށްފައި ވާކަމަށާއި، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

'ސަން' އަށް އެންގިފައި ވާގޮތުގައި އެ އޮފީހަށް ވަދެފައި ވަނީ އެ އޮފީހުގެ ތަޅުދަނޑި ބޭނުންކޮށްގެންނެވެ. އަދި އެ އޮފީހަކީ ބޭނުން ވަގުތެއްގައި ބޭނުން މީހަކަށް އެތަނުގެ ތަޅުދަނޑި ބޭނުންކޮށްގެން ވަދެވޭފަދަ ގޮތަކަށް ހުރި ތަނެއް ކަމަށްވެސް ވަނީ އެނގިފައެވެ.