މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ހަލުވިކޮސް ފުޅާ ކުރުމުގެ ގޮތުން އެކުލަވާފަައިވާ ޑޯގް ސްކޮޑު(ފާރަގެމަ)ގެ ކުއްތާތައް ބޮޑުކުރަން ފަށައިފި އެވެ.

"ސަން" އަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ވިދާޅުވީ ޑޯގް ސްކޮޑު ގަތުމަށް ފައިސާ ޖަމާކުރުމާއި ގުޅިގެން ކުއްތާ ގަތުމަށް މުއާމަލާތްކުރެއްވި ނެދެލެންޑުގެ އެޖެންޓު ވަނީ 16 ކުއްތާ ގަނެފައި ކަމަށާއި އަދި އެ ކުއްތާތަކަކީ އަލަށް އުފަންވި ކުއްތާތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ކުއްތާ ގަތުމަށް ފައިސާ ޖަމާކުރުމާ ގުޅިގެން ނެދެލެންޑުގައި ހުންނަ އެޖެންޓު ވަނީ ކުއްތާތައް ގަނެފައި. ދެން އެކުއްތާތަކަކީ ހަމަ ނިއު ބޯން [އަލަށް އުފަން] ކުއްތާތަކެއް." ތަޒްމީލް ވިދާޅުވި އެވެ.

ތަޒްމީލް ވިދާޅުވީ ޑޯގް ސްކޮޑު އެކުލަވާލުމަށް ގަނެފައިވާ ކުއްތާތައް ބޮޑުކުރުމަށް ތިން މަސް ދުވަސްވަރު ނަގާނެ ކަމަށެވެ. އަދި ޑޯގް ސްކޮޑު އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗު މަހުގެ ތެރޭގައި އަންނާނެ ކަމަށެވެ. ކުއްތާތައް ގެންނައުމުގެ ކުރިން ކުއްތާތައް ބޭއްތިބުމަށް ހަމަޖެހިފައިވާ ޑޯގް ކެނަލްގެ މަސައްކަތް ވެސް ނިމޭނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

ކުއްތާތައް ގެނައުމަށް ފަހު ފުލުހުންނާ އެކު ތަމްރީންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި އެވެ. ތަޒްމީލް ވިދާޅުވީ ކުއްތާތައް ތަމްރީނު ކުރުމާބެހޭ ގޮތުން ނެދަލެންޑްސްގެ ކޭ10 ފާމްގެ ބޭފުޅުންނާއި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އެކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ޑޯގުތައް ރާއްޖެ ގެނައުމަށް 40،000 ޔޫރޯ ސަރުކާރުން ދައްކާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.