24 Dec 2014, 10:33
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ އެކި ހިސާބުގައި ބާއްވަމުން އަންނަ އަންހެނުންގެ ޕްރެޒިޑެންޓް ކަޕް އުތުރުގައި ފަށައިފި އެވެ.
އުތުރުގެ ދެ އަތޮޅުކަމަށްވާ ހއ. އަދި ހދ. އަތޮޅުގެ 10 ޓީމެއް ބައިވެރިވެފައިވާ އެ މުބާރާތް ކުރިއަށްދާނީ ހދ. ހަނިމާދޫގަ އެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އެ މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ ނޮޅިވަރަމް ހުވާސް އާއި ހޯރަފުއްށި ބެލެނިވެރިންގެ ގުޅުމާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ނާވައިދޫ އަންހެނުންގެ ބަދަހި ގުޅުން އަދި އިހަވަންދޫ ކްލަބް ޕޯލްސްޓާއެވެ.
ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ނޮޅިވަރަމް އެސޯސިއޭޝަން އޮފް ނީޑްސް އެންޑް ޑީޑްސް (އޭއެންޑީ) އާއި ދިއްދޫ ޓީނޭޖް ސްޕޯޓްސް ކްލަބާއި ހަނިމާދޫ ސާއްބަ އެކުވެރިންގެ ކްލަބާއި ނޮޅިވަރަންފަރު ޔޫތު ޑީވެލޮޕްމެންޓް އަދި މުރައިދޫ އަންހެނުންގެ ގުޅުމެވެ.
މުބާރާތުގެ ފުރަތަމަ މެޗު ހަވީރު ކުޅުންއިރު އެ މެޗުގައި ބައްދަލުކުރީ ނޮޅިވަރަމް ކްލަބް ހުވާސް އަދި ހޯރަފުށީ ބެލެނިވެރިންގެ ގުޅުމެވެ. އެ މެޗު ސީދާ 3-2 ސެޓުން ކާމިޔާބު ކުރީ ހޯރަފުށީ ޓީމެވެ. އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވީ ހޯރަފުށީ ޓީމު އައިމިނަތު އަރީޝާ އެވެ.
ރޭ ދެ މެޗެއް ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ނާވައިދޫ ޓީމެވެ. އެ މެޗު ސީދާ ތިން ސެޓުން ހަނިމާދޫ ޓީމު ކާމިޔާބުކުރި އިރު އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވީ އެ ޓީމު ހައްވާ އަބްދުލްކަރީމް އެވެ.
ރޭގެ ފަހު މެޗުގައި ނޮޅިވަރަމް އޭއެންޑީ ޓީމާއި ދިއްދޫ ޓީމު ބައްދަލު ކުރި އިރު ސީދާ ތިން ސެޓުން އެ މެޗު މޮޅުވީ ދިއްދޫ ޓީމެވެ. އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވީ އެ ޓީމު ސައުދާ އިބްރާހިމް އެވެ.
މުބާރާތުގެ މިއަދުގެ މިއަދުވެސް ތިން މެޗެއް ކުޅެން ހަމަޖެހިފައިވާއިރު ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބާއި ނޮޅިވަރަމްފަރު ޓީމެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ވޮލީ މުބާރާތް ކުރިއަށްދާނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭއިރު ދެ ގްރޫޕްގައި އޮތް އެންމެ މޮޅު ދެ ޓީމެއް ސެމީއަށް ދާނެއެވެ. އަދި ސެމީ އިން ބަލިވާ ދެ ޓީމުގެ މެދުގައި މެޗެއް ކުޅެ ދެވަނަ ރަނަރަޕް ޓީމެއް ކަނޑައަޅާނެ އެވެ.
މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.
ވޮލީބޯލް އެސޯސިއޭޝަން އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރެޒިޓެންޑް ކަޕް ވަނީ ރާއްޖޭގެ ދެކުނުގައި އަދި މާލޭގައި ވެސް ބާއްވާފަ އެވެ.