24 Dec 2014, 10:28
މިދުވަސްވަރަކީ ސްކޫލްތައް ބަންދު ދުވަސްވަރަކަށް ވާތީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވައިގެން ދަތުރުތައް ކުރުމާއި ދަތުރުތައް ރޭއްވެވުމަށް ގައުމީ ސަލާމަތީ ބާރުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ، ދަތުރުކުރައްވާ އުޅަނދުފަހަރަކީ ކަނޑު ދަތުރުފަތުރު ކުރުމަށް ހެދިފައިވާ އެންމެހާ ގާނޫނުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދެއްތޯ ބެލުމާއި މީހުން އުފުލަނީ ކަނޑައެޅިފައިވާ މިންގަނޑަށްތޯ ބެލުމުގެ އިތުރުން އުޅަނދުފަހަރުގައި ކަނޑައެޅިފައިވާ އަދަދަށް ލައިފް ޖެކެޓް ފަސޭހައިން އަތުޖެހޭނެ ހިސާބެއްގައި ހުރިތޯ ބެލުމާއި ދިޔަ ހިއްކާ ޕަމްޕު އަދި މުވާސަލާތީ ސެޓް ފަދަ ތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތެއްގައިތޯ ބެލުމަށް ފަހު ދަތުރުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
މީގެ އިތުރުން، އުޅަނދަށް ހުއްދަ ދެވިފައިވާ އަދަދަށް ދަތުރުވެރިން އުފުލުމާއި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ އެންމެހާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތްތެވުމާ އެކު ދަތުރުތައް ރޭއްވެވުމަށް އެންމެހާ ހުރިހާ ނެވިންގެ ސަމާލުކަމަށް ވެސް އެ ފަރާތުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވާ އިރު، ކުރިއަށް އޮތް 10 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާ އެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން ބުނީ މިރޭގެ 8:00 އާ ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާ އިރު، މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ވައިޖެހޭނެ ގޮތަށް ބަލާއިރު، ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ހަ މޭލާ 16 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ އިރު، އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު ތިން މޭލާ 10 މޭލު ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އިދާރާއިން ބުނެ އެވެ.
އެހެންކަމުން، ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.