ހުވަދޫ ރެކްރިއޭޝަނުން އިނތިޒާމްކޮށްގެން ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ތިނަދޫ ޗެލެންޖް ކަޕް 2014 ގެ ޗެންޕިއަންކަން ސެންޓާ ފޮކްސަސް ހޯދައިފިއެވެ.

ސެންޓާ ފޮކްސަސް މުބާރާތުގެ ޗެންޕިއަންކަން ހޯދީ އިްޔެ ކުޅުނު ފައިނަލް މެޗުގައި ހޯބަހަކުންނާއި ބައްދަލުކޮށް، 5-3 ގެ ނަތީޖާއަކުން އެ ޓީމްގެ މައްޗަށް ކުރި ހޯދައިގެނެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ލީޑް ނެގީ ހޯބަހަކުންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ މުސްތަފާ އަބްދުލްކަރީމް އެވެ. މެޗުގައި ސެންޓާ ފޮކްސަސްގެ ލަނޑު ކާމިޔާބުކޮށް، އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 24 ވަނަ މިނެޓުގައި އެ ޓީމްގެ އިބްރާހިމް ރިޔާޒް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައި ވުމުން، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިންނެވެ. ސެންޓާ ފޮކްސަސް ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ އެ ޓީމް ކާމިޔާބުކުރިއިރު، ހޯބަހަކުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ.

މުބާރާތުގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެިޔާގެ މަގާމް ހޯދީ ހޯބަހަކުން ޓީމްގެ ވިފާއު އިބްރާހިމް އަޒީޒް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު އަދި މުބާރާތް ސްޕޮންސާ ކޮށްދެއްވި ފަރާތް ކަމުގައިވާ އަޒުލިފް އަބްދުލްއަޒީޒް އެވެ.

އިއްޔެގެ މެޗަށްފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ޗެންޕިއަން ޓީމަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހެމާން އަދި ކާޑެއްދޫ އެއާޕޯޓްގެ މެނޭޖަރު އަބްދުﷲ ގާދިރު އެވެ. ޗެންޕިއަން ޓީމާއި ރަނަރަޕް ޓީމަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވުމުގެ އިތުރުން އެ ރަސްމިއްޔާތުގައި މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށްވެސް ވަނީ އިނާމް ދެއްވާފައެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހޯބަހަކުން ޓީމުގެ ޔަސްފާދު ހަބީބް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށްވެސް ހޮވުނީ އޭނާ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް އެ ޓީމްގެ ވިފާއު އިބްރާހިމް އަޒީޒް ހޮވުނުއިރު، އެ މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ބަރާސިލާ ޓީމްގެ ޝާފިއު އަހުމަދު އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން، އެ މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ ހޯބަހަކުން ޓީމްގެ އިސްމާއިލް އީސާ (މެސީ) އެވެ.

އެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހޯބަހަކުން ޓީމްގެ ކޯޗް މުހައްމަދު ނިޒާމް އެވެ. އަދި މުބާރަތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ބަރާސިލާ ޓީމްގެ އިބްރާހިމް ނިޔާޒް ހޯދިއިރު، އެ މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޓީމް ބަރާސިލާ އެވެ.