24 Dec 2014, 09:58
އިނގިރޭސިވިލާތުން ރާއްޖެއަށާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް އާ ބޭފުޅަކު އައްޔަންކޮށްފި އެވެ.
ރާއްޖެއަށާއި ސްރީލަންކާ އަށް އިނގިރޭސި ސަރުކާރުން އައްޔަން ކުރި ޖޭމްސް ޑައުރިސް މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އަހަރުގެ އޭޕްރިލް މަހު ކަމަށް އެގައުގެ ފޮރިން އޮފީހުން ހޯމަ ދުވަހު ބުންޏެވެ.
އިނގިރޭސިވިލާތުގެ ހާރިޖީ ހިދުމަތާ 1995 ވަނަ އަހަރު ގުޅިވަޑައިގެންނެވި ދައުރިސް އެންމެ ފަހުން ހުންނެވީ އެގައުމުން ޕެރޫއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. އޭނާ އެމަގާމުގައި ހުންނަވާތާ މިހާރު ހަތަރު އަހަރުވެއްޖެ އެވެ. ލަންޑަންގައި ހުންނަ ފޮރިން އެންޑް ކޮމަންވެލްތު އޮފޯހުގައި ދައުރިސް ހޭދަކުރެއްވި މުއްދަތުގައި ދެކުނު އޭޝިއާއާއި ޔޫރަޕިއަން ޔޫނިއަންއާއި ގުޅޭ ކަންތައްތައް ބަލަހައްޓަވާފައިވެ އެވެ. އަދި އިނގިރޭސި ސަފީރެއްގެ ގޮތުގައި ރަޝާއާއި ކޮލަމްބިއާގައި އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ.
ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވުމުން ދައުރިސް ވިދާޅުވެފައި ވަނީ އެކަމާ އޭނާ އުފާ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ދެގައުމުން ހިއްސާކުރާ ކަންބޮޑުވުންތަކަކާއި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އަދި ދެގައުމަށް އެންމެ މުހިއްމު ކަންތައްތަކަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.