03 Feb 2011, 15:57
މިސްރުގެ 30 އަހަރުވީ ވެރިކަމާ ދެކޮޅަށް އެގައުމުގައި މިހާރު ހިންގާ ހަމަނުޖެހުންތައް ބޮޑުވެ އެ ކަމުގެ ނުރައްކާ މިސުރުގައި ކިޔަވާ ރާއްޖޭގެ ކިޔަވާ ކުދިންނަށް ކޮށްފާނެތީ އެ ކުދިން ރާއްޖެ ގެންނަނީ އިންޑީޔާ ސަރުކާރުންނާއި މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓް ކުރާ ޖީއެމްއާރުގެ އެހީގައި ކަމަށް ރާއްޖޭގެ ހާރިޖިއްޔާ އިން މިއަދު ބުނެފި އެވެ.
ފޮރިންމިނިސްޓްރީގެ ޑިރެކްޓަ ކޮމިއުނިކޭޝަންސް އިރުޝާދާ އަބްދުއްސައްތާރު މިއަދު ވިދާޅުވީ މިސްރުގައި ތިބި ރާއްޖޭގެ 104 ދަރިވަރަކު މިސްރުން ބޮމްބޭއަށް ގެނައީ އިންޑީޔާ ސަރުކާރުން މިސްރަށް ފޮނުވި ފުލައިޓެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެކުދިން ބޮމްބޭ އިން ރާއްޖެ އަންނަނީ ޖީއެމްއާރު ކުންފުނިން ޗާޓަރު ކުރި ފުލައިޓެއްގައި ކަމަށެވެ.
އިރުޝާދާ ވިދާޅުވީ ހުރިހާ ކުދިންގެ ވެސް ހާލު ރަނގަޅު ކަމަށާއި އެކުދިން މިހާރު ވަނީ ދަތުރު މަތީގައި ކަމަށެވެ. އަދި މިއަދު ހަވީރު 4:15 އެކުދިން ރާއްޖެ އަންނާނެ ކަމަށް ވެސް އިރުޝާދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިސްރުގައި ރާއްޖޭގެ 130 ކުއްޖަކު ކިޔަވަން އުޅޭ ކަމަށާއި ހަމަނުޖެހުން ފެށިއިރު އޭގެ ތެރެއިން ގިނަ ކުދިން ތިބީ އެކި ގައުމުތަކުގައި ކަމަށެވެ.
އިރުޝާދާ ވިދާޅުވީ ދިވެހި އެއްކުއްޖަކު އަމިއްލަ ސަބަބުތަކާ ހުރެ އަންނަން ބޭނުންނުވާތީ އޭނަ މިސްރުގައި މަޑުކޮށްގެން އެބަހުރި ކަމަށެވެ. އަދި އެ ކުއްޖާގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ކުދިން އަންނަ ފުލައިޓް އައިޓީ – 9601 އެންމެ ފުރަތަމަ ލޭންޑް ކުރުމަށް އޮތީ 3:15 ގައެވެ. އެހެންނަމަވެސް މިހާރު އެ ފުލައިޓް ލޭންޑް ކުރާނީ ހަވީރު 4:15 ގަ އެވެ.