14:30


މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމުގެ ގޮތުން ޓްރަސްޓް ފަންޑެއް ކަންތައްތައް ބެލުމަށް ވޯލްޑް ބޭންކުން އެއްބަސްވެ، ޔޫރަޕިއަން ޔޫނިއަނުން އެ ފަންޑަށް 8.8 މިލިއަން ޑޮލަރުގެ އެހީ ދީފި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިނޭސް މިނިސްޓްރީ އާއި ވޯލްޑް ބޭންކާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކޮށްފައި ވަނީ ރާއްޖެއަށް ދިމާވާ މޫސުމީ ބަދަލުތަކަށް އެހީ ތެރިވެދިނުމުގެ ގޮތުން ސަރުކާރުން ހުޅުވާފައިވާ ޓްރަސްޓް ފަންޑްގެ ކަންތައްތައް ތިން އަހަރާއި ހަމަސް ދުވަހަށް އިންތިޒާމްކޮށް ބެލެހެއްޓުމަށެވެ. އެންޑަށް ފައިސާ ދޭނީ، މައިގަނޑު ގޮތެއްގައި ޔޫރަޕިއަން ކޮމިޝަންގެ "ގްލޯބަލް ކްލައިމެޓް ޗޭންޖް އެލައަންސް"ގެ ދަށުންނެވެ. މިފަންޑް އިދާރީ ގޮތުން ބަލަހައްޓާނީ ވާރލްޑް ބޭންކުންނެވެ. ޔޫރަޕިއަން ކޮމިޝަނުންވަނީ، މިފަންޑަށް 6.5 މިލިއަން ޔޫރޯ ނުވަތަ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ރާއްޖެއަށް ދީފަ އެވެ. އެފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭނީ، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި، އެކަމަށް އަހުލުވެރިވުމަށް ކުރާ މަސައްކަތުގައި ރާއްޖެއަށް އެހީތެރިވެދިނުމަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 


އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއާއި ސިރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ބާނާޑް ސެވިޖް ވިދާޅުވީ ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އަބަދުވެސް އޮންނަ ގުޅުމުގެ ސަބަބުން ރާއްޖެއަށް އެހީ ބޭނުންވާ ކޮންމެ ހާލަތެއްގައި އެންމެ ފުރަތަމަ އެހީތެރިވެދޭ ފަރާތަށް އީޔޫ ވުމީ އޭނާ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް އަބަދުވެސް އީޔޫއިން މަސައްކަތް ކުރާނެ ކަމަށް ބަރނާޑް ސަވޭޖް ވިދާޅުވި އެވެ.


ވޯލްޑް ބޭންކުން ފަރާތުން އެ ރަސްމިއްޔާތުގައި މިސް ނައޯކޯ އިޝީ ދެއްކެވި ވާހަކަފުޅުގައި ވޯލްޑް ބޭންކާ ގުޅިގެން ސަރުކާރުން ހުޅުވާފައިވާ އެ ޓްރަސްޓް ފަންޑަށް ޔޫރަޕިއަން ޔޫނިއަންއިން އެހީތެރިވެދިން ގޮތަށް، އެހެން ފަރާތްތަކުން ވެސް އެފަންޑަށް އެހީތެރިވެދިނުމަށް އެދިވަޑައިގެންނެވި އެވެ. އަދި ޑޯނަރ ކޮންފަރެންސުން ރާއްޖެއަށް އެހީތެރިވެދިން ގޮތަށް، ހުރިހާ ފަރާތަކުން ވެސް އެ ފަދަ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން އެކަމަނާ އަށް އެބައޮތް ކަމަށް މިސް ނައޯކޯ އިޝީ ވިދާޅުވި އެވެ.


މިކަމަށްޓަކައި ރައީސް އޮފީހުގެ މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމެވެ. ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ސޮއިކުރެއްވީ އެޖަމާޢަތުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ބާނާޑް ސެވިޖް އެވެ. އަދި ވަރލްޑް ބޭންކުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކްގެ ޑިރެކްޓަރ ފޮރ ސްރީލަންކާ އެންޑް ދަ މޯލްޑިވްސް ނައޯކޯ އިޝީ އެވެ.