ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފުގެ ނަމުގައި ނ. އަތޮޅުގައި ކުރިޔަށް ގެންދާ "ޢަލީ މައުރޫފު އިންވިޓޭޝަނަލް ފުޓުބޯޅަ ޓޯނަމެންޓް" ގައި މިއަދު ހަވީރު ކުޅުނު މި މުބާރާތުގެ ހަ ވަނަ މެޗު 1-1 އިން އެއްވަރު ވެގެން ނިމިއްޖެ އެވެ.

މިއަދުގެ މެޗުގައި ބައްދަލުކުރީ ލަންދޫ އާއި މަނަދޫ އެވެ. ލަންދޫ ޓީމަށް ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖޯޒީ ނަންބަރު 23، ހުސެެއިން ޖަވާދު އެވެ. މަނަދޫ އަށް ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖޯޒީ ނަންބަރު 7، އިބްރާހީމް އިމްތިޔާޒު އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ލަންދޫ ޓީމުގެ ޖޯޒީ ނަންބަރު 10، ނައުޝާދު އަބްދުއްރަހީމް އެވެ. މޮޅު ކުޅުންތެރިޔާ އަށް އިނާމު ދެއްވީ މެޗުގެ ޝަރަފުވެރި މެހެމާނު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު އެވެ.



މި މުބާރާތުގެ މެޗުތައް ކުރިޔަށް ދަނީ ނ. ކުޑަފަރީ ރަސްމީ ބޯޅަ ދަނޑުގަ އެވެ.

މި މުބާރާތުގައި ވާދަކުރަނީ ޖުމުލަ އަށް ޓީމެވެ. އެއީ، ކުޑަފަރީ އާއި މާޅެންދޫ އާއި ހެނބަދޫ އާއި ލަންދޫ އާއި މަނަދޫ އަދި ޅޮހި މީން ކޮންމެ ރަށަކުން އެއް ޓީމާއި ކެނދިކުޅުދޫ އިން ދެ ޓީމެވެ. ކެނދިކުޅުދޫން ވާދަކުރަނީ ކޭކޭ ސްޓާ އަދި ކޭކޭ ޔުނައިޓެޑެވެ.

ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނައަޕް ޓީމަށް 15،000 ރުފިޔާ އަލީ މައުރޫފު ވަނީ ހުށަހަޅުއްވައިފަ އެވެ.