23 Dec 2014, 22:41
އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރާއި ފިއްތުމާ އެކު ތަމަޅައިންނާ ދެކޮޅަށް ހިންގި ހަނގުރާމާގައިގެ ޖަރީމާގެ ހަގީގަތް ހޯދުމަށް ޖުޑިޝަލް އިންކުއަރީއެއް ހިންގަވާނެ ކަމަށް ލަންކާގެ ރައީސް ރާޖަޕަކްސާ މިއަދު ވިދާޅުވެއްޖެ އެވެ.
ނަމަވެސް ރާޖަކްސާ އާ ހަވާލާދީ މެއިލް އޮންލައިން ނޫހުން މިއަދު ބުނީ 2009 ވަނަ އަހަރު ތަމަޅަ ޓައިގަރުން ނެތިކޮށްލުމަށް ހިންގި ހަނގުރާމަގައި މައުސޫމު މީހުން މަރުވި މައްސަލަ ބެލުމަށް އދ. އިން އުފައްދާފައިވާ ތަހުގީގު ޓީމަށް އެއްބާރުލުން ނުދޭނެ ކަމަށެވެ.
"ހަނގުރާމައިގެ ތެރޭގައި އެއްވެސް ވަރަކަށް ބައެއްގެ ހައްގަށް އަރައިގެންފައިވާ ނަމަ، އެ މައްސަލަ ބަލައި އިންސާފު ގާއިމު ކުރުމަށް ދެފުށް ފެންނަ އުސޫލެއް ގާއިމު ކުރާނަން،" ރާޖަޕަކްސާގެ އިލެކްޝަން މެނިފެސްޓޯގައި ބުންޏެވެ.
ނަމަވެސް ބޭރުގެ ޕްރެޝަރާ އެކު އެ މައްސަލަ ބެލުމަށް މި އަހަރުގެ ޖުލައި މަހު ގާއިމު ކުރި އިންކުއަރީ އާއި މެނިފެސްޓޯގައި އެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެ އުފައްދާ މެކެނިޒަމާ އޮތް ތަފާތަކީ ކޮބައި ކަމެއް ރާޖަޕަކްސާ ވިދާޅެއް ނުވެ އެވެ.
އިތުބާރު ހިފޭ ފަރާތްތަކަށް ބަރޯސާވެ އދ. އިން 2011 ވަނަ އަހަރު ނެރުނު ރިޕޯޓްގައި ބުނަނީ ތަމަޅަ ހަނގުރާމަވެރިންގެ ހަރަކާތް ނެތިކޮށްލުމަށް އެންމެ ފަހު މަހު ދިން ހަމަލާތަކުގައި 40،000 އަށް ވުރެ ގިނަ މައުސޫމް މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ތަމަޅަ ޓައިގަރުން ނައްތާލުމުގެ ޝަރަފު ރާޖަޕަކްސާ ވަނީ ހޯއްދަވައިފަ އެވެ. ނަމަވެސް ހުދުމުހުތާރު ކަމާއި ހައްގުތައް ފިއްތާފައިވާ ކަމުގެ އިހްމާލު ވެސް ރާޖުޕަކްސާގެ މައްޗަށް ވަނީ އުފުލިފަ އެވެ.
އަންނަ މަހު 8 ވަނަ ދުވަހު އޮންނަ އިންތިހާބުގައި ރާޖަޕަކްސާ އާ ވާދަ ކުރައްވާ، ރާޖަޕަކްސާގެ ކުރީގެ ހެލްތު މިނިސްޓަރު މައިތިރިޕާލާ ސިރިސޭނާ ވެސް ވިދާޅުވެފައި ވަނީ ހަނގުރާމައިގެ ޖަރީމާ ބައްލަވާނެ ކަމަށެވެ.
ރާޖަޕަކްސާގެ ދެ ވަނަ އިންތިހާބީ ދައުރުން ބާކީ ދެ އަހަރު އޮއްވައި އަވަސް އިންތިހާބު އިއުލާން ކުރެއްވި އިރު އޭނާ އަށް އެއްވެސް ޕްރެޝަރެއް ނެތެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ތާއީދާ އެކު އަދި އޭގެ ތެރޭގައި ތަމަޅައިން ވެސް ހިމެނޭ ގޮތަށް، ރިޔާސީ ރޭހުގައި ސިރިސޭނާ ވާދަ ކުރައްވަން ނިންމެވި ހިސާބުން މުޅި މަސްރަހު ވަނީ ބަދަލުވެފަ އެވެ.
ނިއުޔޯކަށް ނިސްބަތްވާ، އެނަލިސިސް ފާމު، ޔޫރޯ އޭސިޔާ ގްރޫޕުން ބުނީ ހަނި އަޣުލަބިއްޔަތަކުން އިދިކޮޅު ކެންޑިޑޭޓް ސިރިސޭނާ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ސިފައިން ބޭނުން ކުރައްވައިގެން އިދިކޮޅު މީހުން ވޯޓުލުމަށް ރައީސް ރާޖަޕަކްސާ ފިއްތުންތައް ކުރިމަތި ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
ކަލަމްބޯގެ ބިޒުނަސް ލީޑަރުންނާ ބައްދަލުކުރައްވައި އިދިކޮޅު ލީޑަރު ރަނިލް ވިކްރަމް ސިންހާ މިއަދު ވިދާޅުވީ ސިފައިންގެ ގިނަ މީހުންގެ އިހްތިރާމާއި ހަމްދަރުދީ އިދިކޮޅު ފަރާތްތަކަށް އޮތް ކަމަށާއި ސުލްހަވެރިކަމާ އެކު، އިންތިހާބަށް ފަހު ބާރުތައް ބަދަލުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ރަނިލް ވިދާޅުވީ އެއްވެސް ބަޔަކާ ދޭތެރޭ އެއްވެސް ޒާތީ ކަމެއް ނުގެން ގުޅުއްވާނެ ކަމަށާއި ނަމަވެސް، ރާޖަޕަކްސާ އިހްމާލުވެފައިވާ، ގާނޫނީ ވެރިކަން ދަމަހައްޓަވާނެ ކަމަށެވެ.

އދ. އިން ބުނީ ވަކި ދައުލަތެއް ގާއިމު ކުރުމަށް ތަމަޅައިން، 1972 އިން 2009ގެ ނިޔަލަށް ހިންގި އަހުލީ ހަނގުރާމަ ނެތިކޮށްލުމަށް ހިންގި އޮޕަރޭޝަން ނިމުމުގެ ކާމިޔާބީ ސަރުކާރުން ފާހަގަ ކުރި އިރު 100،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.
ތަމަޅައިންގެ 15 ޕަސެންޓް ވޯޓުދޭނީ އެއް ގޮތަކަށް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. އެއާ ހިލާފަށް ސިންގަޅައިންގެ ވޯޓު ރައީސް ރާޖަޕަކްސާ އާއި ސިރިސޭނާގެ މެދުގައި ބެހޭނެ ކަމަށް މުހައްލިލުން ދެކެ އެވެ.
ރަނިލް ވިދާޅުވީ އެބޭފުޅުންގެ ކެންޑިޑޭޓް ސިރިސޭނާ އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ ދެކުނު އެފްރިކާގައި މަންޑޭލާ އިސްވެ ހުންނަވައިގެން އުފެއްދި ފަދަ "ޓުރުތު ކޮމިޝަނެއް" އުފައްދަވާނެ ކަމަށެވެ. ސައުތު އެފްރިކާގައި އުފެއްދި ކޮމިޝަނުން ކުރި ކަމަކީ ހަގީގަތް ހޯދައި މައާފު ދިނުމެވެ. ރަނިލް ވެސް އިޝާރާތް ކުރެއްވީ ލަންކާގައި ވެސް އެފަދަ ގޮތަކަށް ހަނގުރާމައިގެ ކަންކަން ބައްލަވާނެ ކަމަށެވެ.