23 Dec 2014, 21:04
ސުނާމީ ކާރިސާގައި ގެދޮރު ހަލާކުވެ، މަގުމަތިވި އާއިލާތަކަށް ގއ. ވިލިނގިލީގައި އިމާރާތް ކުރި ސުނާމީ ގެއެއްގެ ފާރުގައި ޕުޓީ ނާޅާ ކަަމަށް ބުނެ، ވެރިފާރާތުން އެ ގޭގެ ތަޅުދަނޑިއާ ހަވާލެއް ނުވި އެވެ.
ގއ. އަތޮޅުގެ ހަތަރު ރަށުގައި އިމާރާތް ކުރާ ސުނާމީ ގެތަކުގެ ފާރުތަކުގައި އުވަ ޖަހައި، އޮމާންކޮށް، ކުލަލާފައިވެ އެވެ. ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެ ގެތަކުގެ ފާރުގައި ޕުޓީއެއް ނާޅަ އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ވިލިނގިލީގައި އިމާރާތްކޮށް ނިމިފައިވާ ގެތަކުގެ ތެރެއިން، ގެއެއްގެ ތަޅުދަނޑި ވެރިފަރާތާ ހަވާލު ކުރަން އުޅުމުން، އޭނާ ވަނީ އެ ގެއާ ހަވާލުވާން ދެކޮޅު ހަދާފަ އެވެ. ހައުސިން މިނިސްޓްރީއަށް އޭނާ އުފުލި ޝަކުވާއަކީ ސުނާމީ ގެތަކުގެ ފާރުތަކުގައި ޕުޓީ އަޅައި އޮމާންކޮށްފައި ނެތުމެވެ. އަދި ގޭގެ ފާރުގައި ޕުޓީ ނާޅާހާ ހިނދަކު އެ ގޭގެ ތަޅުދަނޑިއާ ހަވާލު ނުވާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ވިލިނގިލީގައި އިމާރާތް ކުރާ 78 ގޭގެ ތެރެއިން 13 ގެއެއްގެ މަސައްކަތް ވަނީ ނިމިފަ އެވެ. މިހާތަނަށް 12 ގެއަކަށް މީހުން ބަދަލުވެފައިވާއިރު، ހުހަށް ހުރީ ތަޅުދަނޑި ހަވާލު ނުވި މީހާގެ ގެ އެކަންޏެވެ.
ވިލިނގިލީގައި އިމާރާތް ކުރާ ސުނާމީ ގެތަކުގެ ތެރެއިން 25 ގެ އިމާރާތް ކުރަނީ އެމްއާރްޑީސީންނެވެ. އަދި އެ ރަށުގައި 52 ގެ އިމާރާތް ކުރަނީ ވިމްލާ ކޮންޓްރަކްޝަނުންނެވެ.
އެ މަޝްރޫއުގެ ދަށުން ވިލިނގިލީގައި 78 ގެ އިމާރާތް ކުރާއިރު، މާމެންދޫގައި 84 ސުނާމީ ގެ އިމާރާތް ކުރެ އެވެ. އަދި ނިލަންދޫގައި 51 ގެ، އަދި ދާންދޫގައި 88 ގެ އިމާރާތް ކުރެ އެވެ.