23 Dec 2014, 20:14
ގއ. މާމެންދޫގައި އިމާރާތް ކުރާ 84 ސުނާމީ ގެއެއްގެ ތެރެއިން، ސިފައިންނާ ހަވާލު ކުރި 34 ގޭގެ މަސައްކަތް ނިންމައި ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
މާމެންދޫގައި ސިފައިން ހަދަމުންދިޔަ 34 ގޭގެ ތެރެއިން 14 ގެއެއް މަސައްކަތް ނިންމައި ހައުސިންގ މިނިސްޓްރީއާ އެންމެ ފުރަތަމަ ހަވާލު ކުރީ 10 ވަނަ ދުވަހު އެވެ. އަނެއް 20 ގޭގެ ތެރެއިން ތިން ގެއެއްގެ މަސައްކަތް ނިންމައި ހައުސިން މިނިސްޓްރީއާ ހަވާލު ކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ބާކީ ހުރި 17 ގޭގެ މަސައްކަތް ނިންމައި ހައުސިން މިނިސްޓްރީ ހަވާލު ކުރީ މިއަދު އެވެ.
މާމެންދޫގައި ސުނާމީ ގެތަށް އިމާރާތް ކުރުމަށް ސިފައިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނަށް ދީފައިވާ ނަމަކީ "އޮޕަރޭޝަން ހިޔާވަހި" އެވެ. ސިފައިން އެ ރަށުގައި އިމާރާތް ކުރި ސުނާމީ ގެތަކުގެ މަސައްކަތް ނިންމައި ހައުސިން މިނިސްޓްރު ޑރ. މުހައްމަދު މުއިޒްއާ ހަވާލު ކުރެއްވީ މާމެންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ގެތައް ހައުސިން މިނިސްޓްރީއާ ހަވާލު ކުރެއްވީ ސަދަން އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.
ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މާމެންދޫގައި ސިފައިން މަސައްކަތް ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
ގއ. މާމެންދޫގައި އިމާރާތް ކުރާ 84 ގޭގެ ތެރެއިން 50 ގޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެ ރަށުގެ އަމިއްލަ ފަރާތްތަކަށެވެ. އަމިއްލަ ފަރާތްތަކާ ހަވާލު ކުރި ގެތަކުގެ މަސައްކަތް އަދި ނުނިމެ އެވެ.