23 Dec 2014, 19:34
މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ "މަރުވާނާ" ފަތެއް ނިޝާނަކަށް އިން ބެލްޓެއް އަޅައިގެން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 19 އަހަރުގެ އެ ފިރިހެން މީހާ ރޭ ހައްޔަރުކޮށްފައި ވަނީ ގދ. ރަތަފަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލުމުގެ ތެރެއިން އޭނާ އަޅައިގެންހުރި ބެލްޓުން ކެނަބިސް ފަތް ރަމްޒު ކޮށްދޭ ތީ ކަމަށެވެ.
"ކެނަބިސްފަތް ރަމްޒުކޮށްދޭ ބެލްޓެއް އަޅައިގެން މަސްތުވާތަކެއްޗަށް ޙިތްވަރުދީ ޝަޢުގުވެރިކަން އުފެދޭ ގޮތަށް މަސައްކަތްކުރި ކަމުގެ ތުޙުމަތުގައި އޭނާ ހައްޔަރުކުރީ، އެއީ ކުށެއް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 128 ވަނަ މާއްދާގެ ދަށުން މަސްތުވާތަކެއްޗަށް ހިތްވަރުދިނުމާއި ޝައުޤުވެރިކުރުވުމަކީ ކުށެކެވެ. އަދި އެ މާއްދާގެ ދަށުން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެއްޗަށް ހިތްވަރުދީ ޝައުގުވެރިކަން އުފެދޭ ގޮތަށް އަމަލު ކުރާ ފަރާތްތަކާއި މެދު ފުލުހުން ގާނޫނުގައި ބުނެފައިވާ ފިޔަވަޅު އަޅާނެ ކަމަށެވެ.
މަސްތުވާތަކެތި ރަމްޒުކޮށްދޭ ބެލްޓެއް އަޅައިގެން ހުރި މީހަކު ހައްޔަރުކޮށްފައިވާއިރު އެފަދަ ތަކެތި ރަމްޒުކޮށްދޭ ޓީޝާޓު ތަކާއި ތަޅުދަނޑި ފޫ ތަކުގެ އިތުރުން ތަފާތު އެފަދަ އެތައް ތަކެއްޗެއް ގެންގުޅުމަކީ ވަރަށް އާންމު ކަމެކެވެ.