ރާއްޖެގެ ފުޓްބޯޅަ އެސޯސިއޭޝަނުން އަންނަ އަހަރު ހިންގަން ރާވާފައިވާ މުބާރާތްތަކަށް ގިނަ ބަދަލުތަކެއް ގެނެސް، އަންނަ އަހަރުގެ ފުޓްބޯޅަ ކަލަންޑަރު އެ އެސޯސިއޭޝަނުން ހާމަ ކޮށްފި އެވެ.

އެފްއޭއެމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރި ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރު އެންމެ ފުރަތަމަ ބާއްވާ މުބާރާތަކީ ޕޮމިސް ކަޕް (ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް) އެވެ. މީގެ 11 އަހަރު ކުރިން 2003 އަހަރު ބޭއްވި މުބާރާތުގައި މިފަހަރު ރާއްޖޭގެ ހަ ކްލަބެއް ވާދަކުރާއިރު، އެ މުބާރާތް ކުރިއަށް ގެންދެވޭނީ ބޭރުގެ ދެ ކްލަބަކަށް ދައުވަތު ދީގެނެވެ. އަންނަ އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހު ފަށާ މުބާރާތުގައި ބައިވެރިވެވޭނީ ރާއްޖޭގެ ހަ ކްލަބަކާއި ރާއްޖޭން ބޭރުގެ ދެ ކްލަބެކެވެ. އެންމެ ރައުންޑެއް ކުޅޭ އެ މުބާރަތުގައި އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމުގެ މެދުގައި ކުޅޭ ފައިނަލް ކުޅެން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހު އެވެ.

އެފްއޭއެމުން ހާމަކުރި ކަލަންޑަރުގައި އަންނަ އަހަރުގެ އޭޕްރިލް 20 ވަނަ ދުވަހު ދިވެހި ލީގުގެ މެޗުތައް ފަށަން ހަމަޖެހިފައި ވާއިރު، އެ މުބާރާތް މިފަހަރު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 'ދިވެހި ޕްރިމިއާ ލީގް' ގެ ނަމުގައެވެ. މި ފަހަރުގެ ލީގުގައި ވާދަކުރާ ކްލަބުތަކަށް އެ މުބާރާތުގައި ބައިވެރިވެވެނީ މާލޭގެ އަވަށްތަކަށް ރަޖިސްޓްރީ ވުމަށްފަހު އެވެ. މުބާރާތުގައި ބައިވެރިވާ އަށް ކްލަބުގެ މެދުގައި ދެ ރައުންޑު ކުޅެން ހަމަޖެހިފައި ވާއިރު، އެ ދެ ރައުންޑުން އެންމެ ފުލަށް ދާ ޓީމް (އަށް ވަނަ ޓީމް) އޮޓަމެޓިކުން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެވެ. އަދި ލީގުގެ ހަތް ވަނަ ޓީމާއި ދެ ވަނަ ޑިވިޝަންގެ ރަނަރަޕް ޓީމާއި މެދު ކުޅެވޭ ޕްލޭއޮފް މެޗަކުން މޮޅުވާ ޓީމަށް އެއް ވަނަ ޑިވިޝަނުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. އަންނަ އަހަރުގެ ދިވެހި ލީގު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޭޕްރިލް 20 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހަށެވެ.

އަންނަ އަހަރުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކުރިއަށް ގެންދަން އެފްއޭއެމުން ހަމަޖައްސާފައި ވަނީ އަހަރުގެ ފަހުކޮޅު އެވެ. އެފްއޭ ކަޕްގެ ތިންވަނަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަންގެ ޓީމުތައް ވާދަކުރާ މެޗުތައް އަންނަ އަހަރުގެ މޭ މަހުގެ ހަތަރެއްގައި ފަށަން ހަމަޖެހިފައި ވާއިރު، އެ މުބާރާތުގައި އެއްވަނަ ޑިވިޝަންގެ ޓީމުތައް ވާދަކުރާނީ ރައުންޑް އޮފް 16 އިންނެވެ. އެ މުބާރާތުގެ ނިންމަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އަންނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ފަށަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު 29 ވަނަ ދުވަހު އެވެ. ލީގުގެ ފުރަތަމަ ހަ ޓީމުގެ މެދުގައި ކުޅޭ އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައި ގްރޫޕް ސްޓޭޖަކާ އެކީ އެވެ. އަދި އެ މުބަރާތުގެ ސެމީފައިނަލް ދެ މެޗު ނޮވެންބަރު 26 އާއި 27 ވަނަ ދުވަހު ކުޅެން ހަމަޖެހިފައި ވާއިރު، މުބާރަތުގެ ފައިނަލް ކުޅެން ހަމަޖެހިފައި ވަނީ ނޮވެންބަރު 30 ވަނަ ދުވަހުއެވެ.

މީގެ އިތުރުން އެފްއޭއެމުން ކުރިއަށް ގެންދާ ޒޯން މުބާރާތްތައް އަންނަ އަހަރު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ތިން ވަނަ ޑިވިޝަންގެ ބައެއްގެ ގޮތުގަ އެވެ. އެ މުބާރާތުގައި އެފްއޭއެމުން ކަނޑައެޅި އާ އުސޫލުގެ ދަށުން ތިން ބަޔަކަށް ބެހިގެންދެ އެވެ. މުބާރާތުގައި ބައިވެރިވާ އަތޮޅުތެރޭގެ ޓީމްތައް އަށް ޒޯނަކަށް ބަހާލެވިފައި ވާއިރު، މާލެ ހިމެނޭ ނުވަ ވަނަ ޒޯން ބަހާލެވިފައި ވަނީ ދެ ބަޔަކަށެވެ. އެއީ މަލޭގައި ރަޖިސްޓަރ ކުރެވިފައިވާ ތިންވަނަ ޑިވިޝަންގެ ކްލަބުތަކާއި ރެކްރިއޭޝަނަލް ކްލަބުތަކެވެ.

ތިންވަނަ ޑިވިޝަންގެ މުބާރަތުގެ އަތޮޅުތެރޭ ޓީމްތައް ހިމެނޭ އަށް ޒޯނުގެ މެޗުތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އަދި މާލެ ހިމެނޭ ޒޯން ނުވައެއްގެ މެޗުތައް އޮކްޓޯބަރު މަހު ފަށަން ހަމަޖެހިފައި ވާއިރު، މުބާރާތުގެ ފައިނަލް ރައުންޑަށް ހޮވޭނީ އަތޮޅުތެރޭ އަށް ޒޯނުގެ ޗެންޕިއަނުންނާއި މާލެ ހިމެނޭ ނުވަވަނަ ޒޯންގެ ދެ ބައިގެ ޗެންޕިއަނުންނެވެ. މުޅިއަކު 10 ޓީމުގެ މެދުގައި ކުޅޭ ފައިނަލް ރައުންޑުގެ ޗެންޕިއަން ޓީމާއި ރަނަރަޕް ޓީމް ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓު ވެގެން ދާއިރު، ދެ ވަނަ ޑިވިޝަންގެ އެންމެ ފުލަށް ދާ ދެ ޓީމު ވެއްޓޭނީ ތިންވަނަ ޑިވިޝަނަށެވެ.

އެފްއޭއެމްގެ ދެ ވަނަ ޑިވިޝަންގެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖުލައި 24 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 14 ވަނަ ދުވަހަށެވެ. އެ މުބާރާތުގައި ވެސް ދެ ރައުންޑު ކުޅެން ހަމަޖެހިފައި ވާއިރު، ފުރަތަމަ ރައުންޑުގައި ވާދަކުރާނީ 10 ޓީމެވެ. އަދި ދެ ވަނަ ރައުންޑުގައި ވާދަ ކުރާނީ ފުރަތަމަ ރައުންޑުން އެންމެ މަތިން ޕޮއިންޓު ހޯދާ ފަސް ޓީމެވެ. އެ މުބާރާތުގެ ޗެންޕިއަން ޓީމު އެއް ވަނަ ޑިވިޝަނަށް ޕްރޮމޯޓް ވާއިރު، އެންމެ ފުލުގައިވާ ދެ ޓީމް ވެއްޓޭނީ ތިން ވަނަ ޑިވިޝަނަށެވެ.

އަންނަ އަހަރުގެ ކަލަންޑަރު އިއުލާނު ކުރުމާއެކު 2016 ވަނަ އަހަރުގެ ކަލަންޑަރުވެސް ވަރަށް އަވަހަށް އިއުލާނު ކުރާނެކަމަށް އެ އެސޯސިއެޝަނުން ވަނީ ބުނެފައެވެ.