23 Dec 2014, 17:48
ކުރުޑް އޮއިލްގެ ފީފީއެއްގެ އަގު 20 ޑޮލަރަށް ވެއްޓުނަސް، އޯޕެކުން ތެޔޮ އުފައްދާ ވަރު މަދު ނުކުރާނެ ކަމަށް ސައުދީ އެރިބިއާ އިން ބުނެފި އެވެ.
ސައުދީ އަރަބިޔާގެ ތެލާ ބެހޭ ވަޒީރު އަލީ އަލް ނާއިމި އާ ހަވާލާދީ "ފަރާންސް 24" އިން މިއަދު ބުނީ "ތެޔޮ ފީފާއެއްގެ އަގު 20 ޑޮލަރު، 40 ޑޮލަރު، 50 ޑޮލަރަށް ވެއްޓުނަސް" ތެޔޮ އުފައްދާ އަދަދު މަދު ކުރާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށެވެ.
އޯޕެކުން އުފައްދާ ތެލުގެ މިންގަނޑުގައި އަންނަނީ އެއްވަރެއްގައި ހިފަހައްޓަމުންނެވެ. މިދިޔަ މަހުގެ ރެކޯޑްތަކަށް ބަލާ އިރު އޯޕެކުން ދުވާލަކު 30 މިލިއަން ފީފާގެ ރޭޓުން ތެޔޮ އުފައްދާފައިވެ އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ޖޫން މަހު ހުރި ވަރަށް ވުރެ 50 ޕަސެންޓް ވެއްޓިފަ އެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބުނީ ދުނިޔޭގެ ތެލުގެ ބާޒާރު އެއްްވަރެެއްގައި ހިފެހެއްޓުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އައިސްފައި ވަނީ ސައުދީއެރެބިޔާ އިން ކަމަށެވެ. އަދި އެކަން ކުރެވެނީ ބޭނުން އަދަދަކަށް ތެޔޮ އުފައްދައި އަދި މަދު ކުރުމުގެ ގާބިލުކަން އެ ގައުމަށް ލިބިފައިވާތީ ކަމަށެވެ.
ސައުދީއެރެބިޔާ އިން ދުވާލަކު 9.6 މިލިއަން ފީފާގެ ތެޔޮ އުފައްދަ އެވެ. ސައުދީ ވަޒީރު ވިދާޅުވީ އެ ގައުމުން އުފައްދާ ތެލުގެ މިންވަރު މަދުކުރުމަކީ ކުރާނެ ކަމެެއް ނޫން ކަމަށެވެ.
"އަހަރެން ތެޔޮ އުފައްދާ އަދަދު މަދުކޮށްފި ނަމަ މާކެޓް ޝެއާ އަށް ވާނީ ކިހިނެެއް؟" ސައުދީ ވަޒީރު ސުވާލު ކުރެެއްވި އެވެ. "އަގުތައް މައްޗަށްދާނެ އަދި ރަޝިޔާ، ބްރެޒިލް، ޔޫއެސްގެ ތެޔޮ އުފައްދާ މީހުން އަހަރެންގެ ހިއްސާ ނަގާނެ،" ސައުދީ ވަޒީރު ވިދާޅުވި އެވެ.
އަދި އޭނާ ވިދާޅުވީ އޯޕެކުން ތެޔޮ އުފައްދާ އަދަދު މަދު ކުރުމަކިީ އިންސާފެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އޯޕެކުން އުފައްދަނީ ދުނިޔޭގައި ތެޔޮ އުފައްދާ ނިސްބަތުގެ 40 ޕަސެންޓަށް ވުރެ މަދު އަދަދެއް ކަމަށެވެ.
މި އަހަރު ފެށުނު އިރު ދުނިޔޭގެ ބާޒާރުގައި 100 ޑޮލަރަށް ވުރެ މަތީގައި ހުރި ތެތޮ ފީފާއެއްގެ އަގު ވަނީ 55 ޑޮލަރަށް ވެއްޓިފަ އެވެ.