އދ. އަދި އޮސްޓްރޭލިއާގެ އެހީގައި ހިންގާ ސްމޯލް ގްރާންޓް ފެސިލިޓީ (އެސް.ޖީ.އެފް)ގެ ދަށުން ރާއްޖޭގެ ނުވަ މަދަނީ ޖަމިއްޔާއަކަށް ދެ މިނިއަލަށްވުރެ ގިނަ ރުފިޔާގެ މާލީ އެހީތެރިކަން ޔޫއެންޑީޕީން ފޯރުކޮށްދީފި އެވެ.

އެސްޖީއެފްގެ ދަށުން މަދަނީ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެށި "ސަޕޯޓް ޓު ސިވިލް ސޮސައިޓީ ޑެވެލޮޕްމަންޓް"ގެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ޔޫއެންޑީޕީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ ޕްރޮޖެކްޓުގެ މެނޭޖާ އައިޝަތު ނަތާޝާ ވިދާޅުވީ، މާލީ އެހީތެރިކަމަށް އެދި ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 85 ޕްރޮޕޯސަލެއް ޖަމިއްޔާތަކުން ހުށަހެޅި ކަމަށާއި އޭގެ ތެރެއިން ފުރަތަމަ ބުރުގައި ހޮވިފައިވަނީ 9 ޖަމިއްޔާއަކުން ހުށަހެޅި ޕްރޮޕޯސަލް ކަމަށެވެ.

އަދި އެ ޖަމިއްޔާތަކުން ހުށަހެޅި ޕްރޮޕޯސަލްގައިވާ ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ މާލީ އެހީގެ ގޮތުގައި 170،110 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 2.17 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް ނަތާޝާ ވިދާޅުވި އެވެ.

އަދި ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ޕްރޮޖެކްޓުތަކަށް ބަލައި ތަފާތު ޖަމިއްޔާތަކަށް ފޯރުކޮށްދޭ މާލީ އެހީ ތަފާތު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫއެންޑީޕީން އެކުލަވާލާފައިވާ ހަ މެމްބަރުންގެ ގްރާންޓް ކޮމިޓީން ފާސްކޮށްފައިވާ ނުވަ ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށަހަޅައިފައިވަނީ، އައްޑު އަތޮޅުގެ ޓޭކް ކެއާ ޖަމިއްޔާއާއި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި ރާއްޖެ ފައުންޑޭޝަނާއި މޯލްޑިވްސް ސިވިލް ސާވަންޓް އެސޯސިއޭޝަނާއި ހުވަދު އަތޮޅުގެ ޗޮކޯ ޖަމިއްޔާއާއި ޅޮހީ ޒުވާނުންގެ ކްލަބްގެ އިތުރުން ބިލެތްދޫ ސްކޫލް އިސްދަރިވަރުންގެ ޖަމިއްޔާ އަދި ހިރިޔާ އެވެ.

ހެޔޮވެރިކަން ޕްރޮމޯޓްކުރުމާއި ޒުވާނުންގެ ތަރައްގީއާއި އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ރޮނގުން ޕްރޮޖެކްޓުތައް ހިންގުމަށް ޖަމިއްޔާތަކަށް ދޫކުރާ މި އެހީ ދިނުމުގައި، އެންމެ އިސްކަމެއް ދީފައިވަނީ ޕްރޮޖެކްޓުގެ މަގުސަދާއި އެއްގޮތަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށާއި އަދި ބަޖެޓު ތަފްސީލަށް ކަމަށް ޔޫއެންޑީޕީން ބުންޏެވެ.

"މީގެ އިތުރުން އަހަމިއްޔަތުކަން ދީފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތައް ޝާމިލުވާ ގޮތަށް ޕްރޮޖެކްޓްތައް ހޮވާލުމަށް. އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ޕްރޮޖެކްޓްތައް ވެސް އަޅުގަނޑުމެން ފާހަގަކުރިން،" ގްރާންޓް ކޮމިޓީގެ ޗެއާ އަދި ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޒިންދު ސާލިހު މިއަދު ވިދާޅުވި އެވެ.

އަދި ފެންވަރު ރަނގަޅު ގިނަ ޕްރޮޕޯސަލްތަކެއް ހުރި ނަމަވެސް، އެހީ ދިނުމަށް ވަކި ވަރެއް ހަމަޖެހިފައި އޮތުމުން އެ ހުރިހާ ޕްރޮޕޯސަލްތަކަށް އެހީ ދެވޭނެ ގޮތެއް ނުވި ކަމަށް ވެސް ޒިންދު ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ ދެވަނަ ބުރުގައި އިތުރު ޕްރޮޕޯސަލްތަކަކަށް ގްރާންޓް ދޫކުރެވޭނެ،"

ޔޫއެންޑީޕީން ބުނީ، ޖަމިއްޔާތަކަށް ދޫކުރާ ފަންޑުތައް ބޭނުންކުރާ ގޮތް މޮނިޓާ ކުރަމުންދާނެ ކަމަށާއި އަދި މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ރިޕޯޓުތައް ޔޫއެންޑީޕީން ކަނޑައަޅައިފައިވާ ތާރީޚުތަކަށް އެ ޖަމިއްޔާތަކުން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރާއްޖެއަށް ކަނޑައަޅުއްވައިފަ ހުންނަވާ އދ.ގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެންޑްރޫ ކޮކްސް ވިދާޅުވީ، އެސްޖީއެފްގެ ދަށުން މާލީ އެހީތެރިކަން ލިބޭ ޖަމިއްޔާތަކުން ކުރިއަށް އޮތްތަނުގައި މަސައްކަތްތައް އިތުރަށްފުޅާކޮށް ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.