23 Dec 2014, 17:41
ސީރިއާގައި ހަނގުރާމަކުރަމުން ގެންދާ ހަރުކަށި ޖަމާއަތްތަކާ ދެކޮޅަށް އަރަބި ގައުމުތަކާ ގުޅިގެން އެމެރިކާ އިސްވެ އޮވެ ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 1000އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ސީރިއާގައި ހަރަކާތްތެރިވާ އިނގިރޭސި ވިލާތުގެ ޖަމާއަތެއް ކަމަށްވާ، ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނެފި އެވެ.
މޮނިޓާ ގްރޫޕުން އޭއެފްޕީއާ ހިއްސާކުރި ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23ގައި އަރަބި ގައުމުތަކާ ގުޅިގެން އެމެރިކާއިން ހަނގުރާމަވެރިންނާ ދެކޮޅަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 1171 މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލް ނުސްރާ ފްރަންޓަށް ނިސްބަތްވާ 1119 ހަނގުރާމަވެރީން ހިމެނޭ ކަމަށެވެ.
މަރުވެފައިވާ ހަނގުރާމަވެރީންގެ ތެރެއިން 72 މީހުންނަކީ، އަލްގައިދާއާ ގުޅުން އޮންނަ ނުސްރާ ފްރަންޓުގެ މެންބަރުން ކަމަށާއި އޭގެ ތެރޭގައި ނިސްބަތްވާ ވަކި ޖަމާއަތެއް ނޭނގޭ ބަޔަކުވެސް ހިމެނޭ އިރު، އާންމުންގެ ތެރެއިން 52 މީހަކުވެސް އެމެރިކާ އިސްވެ އޮވެގެން ދެމުންދާ ހަމަލާ ތަކުގައި މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އައިއެސްއައިއެސް އިން ސީރިއާގައި ޚިލާފަތެއް ގާއިމުކޮށް ސީރިއާ އާއި އިރާގުގެ ބައެއް ސަރަހައްދުތައް އެބައިމީހުންގެ ބާރުގެ ދަށަށް ގެނެސް އަންނަނީ އަމިއްލަ ވެރިކަމެއް ކުރަމުންނެވެ.