23 Dec 2014, 17:09
ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމުގެ ކުށުގެ ދައުވާ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ޖަރުމަނުގެ ޖަމާއަތަކުން އުފުލައިފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަރުމަނުގެ ޖަމާއަތެއް ކަމަށްވާ ޔޫރަޕިއަން ސެންޓަ ފޯ ކޮންސްޓިޓިއުޝަނަލް އެންޑް ހިއުމަން ރައިޓްސް އިން ދައުވާ އުފުލާގައި ވަނީ ބުޝްއާއި އޭނާގެ ނައިބު ރައީސް ޑިކް ޗޭނީއާއި ދިފާއީ ވަޒީރު ޑޮނަލްޑް ރަމްސްފެލްޑާއި ސީއައިއޭގެ ވެރިންނަށް އޭރު ތިބި މީހުންނާ ދެކޮޅަށެވެ. އެ ގްރޫޕުން ބުޝްގެ ސަރުކާރުގެ ވެރިންނާ ދެކޮޅަށް ދައުވާ އުފުލީ ސީއައިއޭ އެޖެންޓުން، ޖަރުމަނުގެ ރައްޔިތެއް ކަމަށްވާ ޚަލީލު އަލް މަސްރީ ވަގަށް ނަގައި އަފްޣާނިސްތާނުގެ ޖަލެއްގައި 2004 ވަނަ އަހަރު އޭނާ އަށް އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކޮށްފައިވާތީ އެވެ. ސީއައިއޭއިން އޭނާ ވަގަށް ނެގީ އެހެން މީހެއް ކަމަށް ހީކޮށްގެންނެވެ.
ސެންޓަ ފޯ ކޮންސްޓްޓިޓިއުޝަނަލް އެންޑްސް ހިއުމަން ރައިޓްސްގެ ޖެނެރަލް ސެކްރެޓަރީ ވޮލްފްގޭން ކަލެކް ވިދާޅުވި ކަމަށް ބައެއް ނޫސްތަކުން ބުނީ "މީހުން ވަގަށް ނަގައި، ގާނޫނާ ހިލާފަށް ހައްޔަރުކޮށް، އަނިޔާ ކުރި މީހުންނަށް އަދަބު ނުލިބި ނުދާނެ ކަން ކަށަވަރު ކުރުމަށް އެހީތެރިވުމުގެ ގޮތުން ބުޝްގެ ސަރާކާރުގެ ވެރިން ހައްޔަރުކޮށް ތަހުގީގު ކުރުމަކީ ޖަރުމަނު ސަރުކާރަށް ކުރެވިދާނެ ކަމެއް،" ކަމަށެވެ. އެޖަމާއަތުގެ ރައީސްކަން ކުރިން ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ މިޚައިލް ރަޓްނާ ވިދާޅުވެފައި ވަނީ ބުޝްއާއި ޗޭނީ އަދި އެ ގްރޫޕްގެ އެހެން މީހުންނަށް ދައުވާގެ ދިފާއުގައި ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި އެހެންވީމާ އެމީހުން ހައްޔަރުކުރެވެން ޖެހޭނެ ކަމަށެވެ.
އެމެރިކާ އިން ދުނިޔޭގެ ތަފާތު އެތައް ގައުމެއްގައި ހިންގަމުން އައި ސިއްރު ޖަލުތަކުގައި މުސްލިމުންގެ ތެރެއިން ކުށެއް ނެތް އެތައް ބަޔަކު ހައްޔަރުކޮށް އިންސާނިއްޔަތާ ހިލާފު އެތައް އަނިޔާތަކެއް ދީފައިވާ ކަން ދާދިފަހުން ވަނީ ހާމަވެފަ އެވެ. އެކަން ހާމަވީ ލާއިންސާނީ އަނިޔާތައް ދީފައި ވޭތޯ ބެލުމަށް އެމެރިކާގެ ސެނެޓްގެ ކޮމިޓީއަކުން ހިންގި ތަހުގީގަކަށް ފަހު އެކުލަވައިލި ރިޕޯޓެއްގެ ބައެއް ބައިތައް އާއްމުކުރުމުންނެވެ.