ކުއްލި ހާލަތްތަކަށް ތައްޔާރުވެ އެފަދަ ހާލަތްތަކަށް އިޖާބަދިނުމުގެ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)ގެ އިރު-އުތުރު އޭޝިއާގެ ސަރަހައްދީ އޮފީހުން މެންބަރު ގައުމުތަކާ ގުޅިގެން ފަށައިފި އެވެ.

ޑަބްލިޔުއެޗްއޯގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލް ސިންގް ނެރުއްވި ބަޔާނެއްގައި ވަނީ، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން ކޮންމެ ތަނެއްގައި އަދި ކޮންމެ ވަގުތެއްގައިވެސް ކަމެއް ހިނގައިފިނަމަ އެކަމަށް އިޖާބަދިނުމަށް ފުރިހަމައަށް ތައްޔާރުވެގެން ތިބުމުގެ މުހިންމުކަން ފާޅުވެގެންދިޔަ ކަމަށެވެ.

އެގޮތުން ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށް ޑަބްލިޔުއެޗްއޯގެ ސަރަހައްދީ އޮފީހުން މިހާރު ވަނީ މިންގަނޑުތަކެއް ކަނޑައަޅާފައި ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެއެވެ. އެ މިންގަނޑުތަކުގެ ތެރޭގައި ގާނޫނީގޮތުން ފުރިހަމަވެފައި ހުންނަން ޖެހޭނެ ކަންކަން ބެލޭނެ އިންޑިކޭޓާސް އާއި މަސައްކަތްތައް ވިލަރެސްކުރާނެ ގޮތާއި އެކަމަށް އިޖާބަދިނުމަށް މުޖުތަމައު ތައްޔާރުވެފައިވާ މިންވަރާއި މީހުން ބިނާކުރުން އަދި ދުރާލައި އިންޒާރުދޭ ނިޒާމު ގާއިމްކުރުން ހިމެނޭ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.

ގައުމުތަކުން ދަނި ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ އަލީގައި މީހުން ބިނާކުރުމާއި ކުއްލި ހާލަތެއް ދިމާވެއްޖެ ހާލަތެއްގައި ސިއްހީ ދާއިރާއިން ކާރިސީ ހިރާސް ބެލެހެއްޓުމަށް ތައްޔާރުވެފައިވާ މިންވަރު ބަލަމުންކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ. އެގޮތުން އިންޑޮނޭޝިއާއާއި ތައިލެންޑާއި އިންޑިއާ އަދި ސްރީލަންކާގެ އިތުރުން ދިވެހިރާއްޖެއިން ދަނީ ސުނާމީ އިން ލިބުނު ފިލާވަޅުތަކުގެ އަލީގައި ބިނާކުރެވުނު ނިޒާމުތައް ހަރުދަނާކުރަމުން ކަމަށް ޑަބްލިޔުއެޗްއޯއިން ބުންޏެވެ.

އޭގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި ކުރި މަސައްކަތުން ކުއްލި ހާލަތްތަކަށް ގައުމުތަކުން ތައްޔާރުވެތިބޭ މިންވަރު އިތުރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ފާހަގަކުރެއެވެ. އެގޮތުން އޭގެ ހެއްކަކަށް 2012 ވަނަ އަހަރު އޭޕްރީލްމަހު އިންޑޮނޭޝިއާއަށް ކުރިމަތިވި ބިންހެލުމުގައި މީހުން ރާއްކާތެރި ހިސާބުތަކަށް ބަދަލުކުރެވުނު ސްޕީޑް އަވަސްކަމާއި ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ކުޑަކުރެވިފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުންޏެވެ.