ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރްސީއެންސީ) އިން މާލޭގެ ކާނުތައް ސާފުކުރުމުގެ ޕްރޮގުރާމެއް ފަށައިފި އެވެ.

އާރްސީއެންސީގެ އެޗްއާރު މެނޭޖަރު އިސްމާއިލް ޝާހިދު މިއަދު "ސަން" އަށް ވިދާޅުވީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ މަގުތަކުގައި ފެން ބޮޑުވެ ފެން ނުހިނދުން ކަމަށެވެ. އެހެންކަމުން އެ ކުންފުންޏަށް އެ މައްސަލާގައި ކޮށްދެވެން އޮތް ކަމަކީ ކޮބައިތޯ ބަލައި މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުގެ ކާނުތައް ސާފުކުރަން ފެއްޓެވީ ކަމަށެވެ.

"މިހާރު މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަގުތަކުގައި ފެންބޮޑުވެ އެ ފެން ނުހިނދުން. އެހެންވީމާ އަޅުގަނޑުމެން ވިސްނީ މިކަމުގައި އަޅުގަނޑުމެންގެ ފަރާތުން މުޖުތަމައުއަށް ކޮށްދެވޭނީ ކޮން ހިދުމަތެއްތޯ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިއަދު ފެށި އެ ޕްރޮގުރާމްގައި އެކުންފުނީގެ 30 މުވައްޒިފުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ވެސްޓް ޕާކް ރެސްޓޯރެންޓް ހުންނަ ކަނބާއައިސަރަނި ހިނގުމުން ފެށިގެން މަޖީދީމަގާ ހަމައަށް ކާނުތައް ސާފުކުރާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މި ޕްރޮގުރާމްއަކީ އަޅުގަނޑުމެން ސިލްސިލާކޮށް ކުރިއަށް ގެންދާނެ ޕްރޮގުރާމެއް. ކަނޑައެޅިގެން މިވެނި އެވެނި ދުވަހެއްގައި މިކަން ކުރާނެ ކަމަށް އަޅުގަނޑުމެންނަށް ބުނަން ދަތި." ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެބޭފުޅުން އެމަސައްކަތް ކުރަން ފެށުމުގެ ކުރިން ސަރުކާރުގެ ކަމާ ގުޅުން ހުރި މިނިސްޓްރީތަކާއި މަޝްވަރާކޮށް މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވާ މަގުތަކާއި އަދި އެކަމުގެ ސަބަބުން އާންމުންނަށް އެންމެ ދަތިވާ މަގުތައް ބެލި ކަމަށެވެ.

މާލޭ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ އަމަލީ މަސައްކަތް ފަށައިފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަންދެން މަގުތަކުގެ ކާނުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާއެވެ.