ދިވެހި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ އެއްވެސް ނުފޫޒަކަށް ވަނުމުގެ ފުރުސަތު ތަނަވަސްވާ ގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް އެމްޑީއޭ އިން އިލްތިމާސްކޮށްފި އެވެ.

ގައުމީ ދުވަހުގެ ތަހުނިއްޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރުމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ގައުމީ ދުވަސް ފާހަަގަކުރަމުންދާ އިރު ދިވެހި ކޮންމެ ރައްޔިތަކު ވެސް ހަނދާންް ކުރަންވީ ބޮޑުތަކުރުފާނުގެ މަތިވެރި ޖިހާދާއި އެފަދަ ޖިހާދެއް ކުރަން ޖެހުނު އަސްލު ސަބަބުގެ މަތިން ކަމަށެވެ.

ޕޯޗްގީޒުންނަށް ރާއްޖެ އަޅުވެތި ކުރެވުނީ ދިވެހިންގެ ތެރެއިން ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ރާއްޖޭގެ ކަންތައްތަކުގެ ތެރެއަށް ވަދެގަތުމުގެ ފުރުސަތު ތަނަވަސްކޮށްދީގެން ކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް އެބަޔާނުގައިވެ އެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ "އިސްލާހު"ގެ ނަމުގައި އަމިއްލަ އެދުން ކުރިއަށް ނެރެ ވެރިކަމުގެ ދަހިވެތިކަމާއި ލައްޒަތުގައި ޖެހި އަޅުގަނޑުމެންގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ތަފާތު ނުފޫޒުތައް ވެއްދުމަަށް ކެނޑިނޭޅި ބަޔަކު މަސައްކަތް ކުރަމުންގެންދާ ތަނެވެ،" އެ ބަޔާނުގައި ސިޔާމް ވިދާޅުވެފައިވެ އެވެ.

ސިޔާމް ވިދާޅުވީ އެފަދަ ކޮންމެ މަަސައްކަތެއްގެ ނަތީޖާ އަކަށް ވެގެންދާނީ ގައުމުގެ ގައުމިއްޔަތުގެ ތަނބުތައް ބަލިކަށިވެ އަނެއްކާ ވެސް ބޭރުގެ ބައެއްގެ، ހާއްސަކޮށް މާތްވެގެންވާ އިސްލާމްދީނުގެ އަދުއްވުންގެ އަޅުވެތިކަމުގެ ދަަށަށް، ރާއްޖެ ދިއުން ކަމަށެވެ.

އެ ބަޔާނުގައި ސިޔާމް ވަނީ ދިވެހި ރާއްޖޭގެ ފާގަތިކަމާއި ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފާހަގަކޮށް އެ ކަމަށްޓަކައި ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.