23 Dec 2014, 16:08
އިންފެކްޝަނަކާ ގުޅިގެން މިދިޔަ ހަފްތާގައި ހޮސްޕިޓަލްގައި އެޑްމިޓް ކުރި، އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ސޯނިޔާ ގާނދީ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ބީބީސީ އިން މިއަދު ބުނީ ސޯނިއާގެ ހާލުކޮޅު ރަނގަޅު ކަމަށާއި ނަމަވެސް އަރާމު ކުރެއްވުމަށް ދިއްލީގައި ހުންނަ ގަންގާ ރާމާ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.
ބީބީސީ އިން ބުނީ 2011 ވަނަ އަހަރު އޭނާ އެމެރިކާގައި ސިއްރު އޮޕަރޭޝަނެއް ކުރި ކަމަށް މީޑިއާ ރިޕޯޓްތައް ފެތުރުނު ކަމަށާއި އެއީ ކެންސަރާ ގުޅުން ހުރި ކަމެއް ކަމަށެވެ.
މިދިޔަ އަހަރު ޕާލެމެންޓްގައި ވާހަކަ ދައްކަވަނިކޮށް، އަލާސްކަންފުޅެެއް ޖެހިގެން، ސޯނިޔާ ވަނީ މަދު ގަޑިކޮޅަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ހޯއްދަވައިފަ އެވެ.
ސޯނިޔާ ގާނދީ މިދިޔަ ހުކުރު ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ނޭވާލާ ނިޒާމަށް ޖެހުނު އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށެވެ.
އިޓަލީ ވިލާތަށް އުފަން ސޯނިޔާ،68، އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވު ގާނދީގެ ހުވަފަތް އަނބިކަނބަލުންނެވެ. އަދި އޭނާ އަކީ، 1947 ވަނަ އަހަރު އިނގިރޭސީންގެ ދަށުން އިންޑިއާ މިނިވަން ވުމަށް ފަހު، އެންމެ ދިގު މުއްދަތެއް ވަންދެން އިންޑިއާގައި ވެރިކަން ކުރި، ނެހުރޫ-ގާނދީ ޑައިނެސްޓީ އަށް ނިސްބަތްވާ، މިވަގުތު އެންމެ އިސްކޮށް ހުންނެވި ލީޑަރު ވެސްމެ އެވެ. ސޯނިޔާ ގާނދީގެ ކޮންގްރެސް ޕާޓީ، މި އަހަރު އޮތް އާންމު އިންތިހާބުގައި ބޮޑުތަފާތަކުން ބަލިވީ، ހިންދޫ ނޭޝަނިލިސްޓް ޕާޓީ، ބަހާރުތާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަތުންނެވެ.