23 Dec 2014, 15:10
އދ. ދިއްދު އަށް އެތައް މަންފާއެއް ވާގޮތަށް އެ ރަށު ދެކުނު، ތުނޑީ ކޮޅުގައި ސިޓީ ހޮޓަލެއް އެޅުމަށް ހަވާލުކޮށްފި އެވެ.
އާބާދީގައި 196 މީހުން ދިރިއުޅޭ ދިއްދޫގައި ސިޓީ ހޮޓަލެއް އެޅުމަށް އިއްޔެ ހަވާލުކޮށްފައި ވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ޑުރީމް ހޯލްޑިން ޕްރައިވެޓް ލިމިޓެޑާ އެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަހުމަދު ނިޒާރު މިއަދު ސަން އަށް ވިދާޅުވީ އެ ރަށު ތުނޑީކޮޅު ތަރައްގީކުރުމަށް ހަވާލުކުރީ އެ ރަށަށް ގިނަ މަންފާތަކެއް ލިބޭނެ ގޮތަށް ކަމަށެވެ. އެގޮތުން ސީއެސްއާރުގެ ދަށުން އެރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތާއި ކުނި ނައްތާލުމުގެ ނިޒާމް ގާއިމް ކުރުމުގެ އިތުރުން އެ ރަށު ސްކޫލް ތަރައްގީކުރުން ވެސް ހިމެނިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގިނަ ވަޒީފާގެ ފުރުސަތުތައް ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ރަށުން މީހުން ލިބެން ހުރި ވަޒީފާތަކަށް މީހުން ނަގަންޖެހެނީ މިރަށުން، ހަމައެހެންމެ ރަށު މީހުން ބާނާ މަހާއި މިރަށުގައި ހައްދާ މޭވާ އާއި ތަރުކާރީގެ އިތުރުން އަތްތެރި މަސައްކަތްތަކުގެ ސާމާނު އެސިޓީ ހޮޓަލަށް ގަންނަގޮތަށް ހަމަޖެހިފައި އޮތީ،" ނިޒާރު ވިދާޅުވި އެވެ.
ސިޓީ ހޮޓާ އެޅުމަށް ދިއްދޫން 35 އަހަރަށް ކުއްޔަށް ދީފައި ވަނީ 89009 އަކަފޫޓްގެ ބިމެކެވެ. ފުރަތަމަ 10 އަހަރުގެ ބިމު ކުއްޔަކީ އަކަފޫޓަކަށް 25 ޑޮލަރެވެ. ވިހި އަހަރާއި ހަމައަށް އަކަފޫޓަކަށް 75 ޑޮލަރު ކުއްޔެއްގެ ގޮތުގައި ދައްކަންޖެހޭ އިރު 20 އަހަރު ފަހުން މުއްދަތު ހަމަވަންދެން އަކަފޫޓެއްގެ ކުއްޔަކީ 99 ޑޮލަރެވެ.
ނިޒާރު ވިދާޅުވީ އެސިޓީ ހޮޓަލުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ތެރޭގައިގައި ފަށައި 18 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.
ދިއްދޫ ޓޫރިޒަމް ރަށެއްގެ ގޮތުގައި ތަރައްގީ ކުރަން ބަޔަކާއި ހަވާލުކޮށްފައިވާ އިރު އެ ރަށަކީ ޓޫރިޒަމް ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ ސަރަހައްދެއްގައި އޮތް ރަށެކެވެ. އެރަށް ކައިރި 10 ރިސޯޓް އޮންނަ އިރު އެރަށް ކައިރީ ވޭލް ޝާކް ޕޮއިންޓެއް އޮވެ އެވެ.