23 Dec 2014, 15:05
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއެޝަންގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) އިންތިހާބު ކުރަން އިންތިހާބެއް ބޭއްވުމުގެ ބާރު ފީފާއިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީއަށް ނެތް ކަމަށް އެ ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަވީދު ވިދާޅުވީ، މިހާރު އޮތް ނޯމަލައިޒޭޝަން ކޮމިޓީގެ މައިގަނޑު މައްސޫލިއްޔަތަކީ އެފްއޭއެމްގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނަ ފަދައިން އެ އެސޯސިއޭޝަން ހިންގުން ކަމަށާއި، އެ އެސޯސިއޭޝަންގެ ސްޓެޓިއުޓްސް އިސްލާހު ކުރުން ކަމަށެވެ. އަދި އެކަންކަން ފުރިހަމަވުމުން އެފްއޭއެމްގެ އިންތިހާބެއް ބޭއްވުމުގެ މަސައްކަތާ މައިގަނޑު ގޮތެއްގައި ހާވާލުވާނީ ފީފާ އާއި އޭއެފްސީން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މައިގަނޑު މައްސޫލިއްޔަތަކީ ރާއްޖޭގައި ފުޓްބޯޅައިގެ އެކުވެރި މާހައުލެއް ގާއިމް ކުރުމުގެ އިތުރުން އެފްއޭއެމްގެ ސްޓެޓިއުޓްސް އިސްލާހުކޮށް، ރާއްޖެގެ ފުޓްބޯޅައިގެ ކަންކަން ހުއްޓުމެއް ނެތި ކުރިއަށް ދާނެ ފަދަ ގޮތަކަށް އެފްއޭއެމްގެ މަސައްކަތްތައް ކުރިއަށް ގެންދިޔުން. އެކަންކަން ފުރިހަމަ ވުމުން އިންތިހާބު ބޭއްވުމާ ހަވާލުވާނީ ފީފާއިން. އެ ބޭފުޅުން އެކަމަށް އައްޔަންކުރާ ހާއްސަ މިނިވަން ފަރާތްތަކެއްގެ ބެލުމުގެ ދަށުން އިންތިހާބު ކުރިއަށް ދާނީ. ނޯމަލައިޒޭޝަން ކޮމިޓީއަށް އިންތިހާބެއް ބޭއްވުމުގެ އިހުތިޔާރެއް ނެތް،" ޝަވީދު ވިދާޅުވި އެވެ.
ޝަވީދު ވިދާޅުވީ، އިންޓަރިމް ކޮމިޓީއެއްގެ ބަދަލުގައި ނޯމަލައިޒޭޝަން ކޮމިޓީއެއް ފީފާއިން އައްޔަންކުރި ސަބަބަކީ ކުރިއަށް ފުޓްބޯޅަ ސީޒަނެއް އޮތްއިރު، ކަލަންޑަރާއި ސްޕޮންސަރުން ހަމަޖެއްސުމުގެ ކަންކަން އަދިވެސް ހަމަޖެހިފައި ނުވުން ކަމަށާއި، 'ވީކް ލީގަކާއި ވީކް މުބާރާތްތަކެއް' ބޭއްވުމުން ގައުމުގެ ފުޓްބޯޅައަށް އަނެއްކާވެސް އިތުރު ފޫހިކަމެއް ލިބިގެން ދިޔުމުގެ ބިރު އޮތުން ކަމަށެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓީގެ މައްސޫލިއްޔަތުތައް ބެހިގެން ދަނީ މައިގަނޑު ތިން މަރުހަލާއަކަށް ކަމަށާއި، ފުރަތަމަ މަރުހަލާ މިހާރު ގާތްގަނޑަކަށް ނިމިފައި ވާކަމަށްވެސް ޝަވީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މަސައްކަތްތައް ބެހިގެން މިދަނީ މައިގަނޑު ތިން ބަޔަކަށް. އޭގެ ތެރޭ ފުރަތަމަ ކަމެއްގެ ގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގައި ރަނގަޅު މާހައުލެއް ގާއިމްކުރުން ހިމެނޭ. އެކަން އަޅުގަނޑުމެނަށް މިހާރު ވަނީ ގާތްގަނޑަކަށް ހާސިލް ކުރެވިފަ. ރާއްޖެގެ ބޮޑެތި ކްލަބްތާކާވެސް އަޅުގަނޑުމެން ވާހަކަ ދައްކައިފިން. އެފްއޭއެމުން މިހާރު ކަންކަން ރާވާފައިވާ ގޮތާމެދު 99 އިންސައްތަ ކްލަބުތައް ހިންހަމަޖެހޭ. އަދި އެ ކްލަބުތަކުން އަޅުގަނޑުމެނަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ވަނީ ދީފަ. އަދި ކްލަބުތަކުގެ އިސް ފަރާތްތަކުގެ މެދުގައިވެސް މިހާރު ވަނީ ވާހަކަތައް ދެކެވިފަ. ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ކުރިއަރުވާ އަންނަ އަހަރަށް ރަނގަޅު ބަދަލުތަކެއް ގެންނަން ރާއްޖޭގެ ފާރާތްތަކުގެ މެދުގައި މިހާރު އޮތީ ރަނގަޅު މާހައުލެއް ގާއިމް ކުރެވިފަ،" ޝަވީދު ވިދާޅުވި އެވެ.
ޝަވީދު ވިދާޅުވީ، ދެވަނަ މަރުހަލާއެއްގެ ގޮތުގައި އެފްއޭއެމްގެ ސްޓެޓިއުޓްސްތައް އިސްލާހުކުރަން އެހީވެދިނުމަށް ފީފާ އާއި އޭއެފްސީގެ ޓީމެއް އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެ އަންނާނެ ކަމަށާއި، އެ ޓީމް ރާއްޖޭގެ ފުޓްބޯޅައިގައި ހަރަކާތްތެރިވާ އިސް ހުރިހާ ފަރާތްތަކާ ވާހަކަ ދެއްކުމަށް ފަހު ޒަމާނީ ފުޓްބޯޅަ އާއި ޒަމާނީ ފުޓްބޯޅައިގެ ސިސްޓަމެއް ހިމެނޭގޮތަށް އެފްއޭއެމްގެ ސްޓެޓިއުޓްސް އިސްލާހުކުރަން އެހީތެރިވެދޭނެ ކަމަށެވެ. އަދި ސްޓެޓިއުޓްސް އިސްލާހު ކުރުމުގައި ފީފާއިން ހިމަނަން ބޭނުންވާ ބައެއް ބަދަލުތަކަށްވެސް ޝަވީދުގެ ވާހަކައިގައި ވަނީ އަލި އަޅުވާލާފައެވެ.
"އެފްއޭއެމްގެ ސްޓެޓިއުޓްސްގައި ފުޓްބޯޅައިގައި އަންހެނުން ބާރުވެރި ކުރުވާފަދަ މާއްދާތަކެއް ފީފައިން ހިމަނަން ބޭނުންވޭ. މީގެ އިތުރުން އޭޖް ލިމިޓެއް ކަނޑައެޅުމުގެ މައްސަލަޔާ، ޕްރޮކްސީ ބެނުން ކުރުމުގެ ކަންކަމުގައިވެސް ފީފާއިން އެފްއޭއެމްގެ ސްޓެޓިއުޓްސްއަށް އިސްލާހުތަކެއް ގެންނަން ބޭނުންވޭ. އެކަންކަން ކްލަބުތަކާއި ފުޓްބޯޅައިގެ އިސް ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ސްޓޭކްހޯލްޑަރުންނާވެސް ފީފާގެ ޓީމް ވަނީ ބައްދަލުކުރަން ހަމަޖެހިފައި. އެފްއޭއެމްގެ ސްޓެޓިއުޓްސްތައް އިސްލާހުވެގެން އަންނާނީ އެ މަރުހަލާ ތަކުގެ ތެރެއިން. އެއަށް އެފްއޭއެމްގެ ސްޓެޓިއުޓްސްތަކާ ހިލާފު ވާފަދަ މާއްދާތައް ކްލަބުތަކުގެ ސްޓެޓިއުޓްސްތަކުގައި ހުރިނަމަ އެކަންކަމަށްވެސް އިސްލާހު ގެނެވޭނެ،" އޭނާ ވިދާޅުވި އެވެ.