ޤާހިރާ : މިސްރުގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް މިސްރުގެ މަގުތަކާއި މައިދާންތަކުގައި އުތުރި އަރަމުންދާ ރައްޔިތުންނާ ދެކޮޅަށް ހަތިޔާރުއެޅި ޖަމާޢަތްތަކަކުން ތެދުވެ ބަޑިޖަހައި މީހުން މެރުމުގެ އަނިޔާވެރި ޢަމަލުތައް ހިންގަން ފަށައިފިއެވެ.

ޤާހިރާގެ މައިދާނުއްތަޙްރީރަށް އެއްވެ ތިބި އެތަށްހާސްބަޔަކާ ދެކޮޅަށް ރޭގައާއި މިއަދުވެސް ބަޔަކު ގެންދަނީ ބަޑިޖެހުމާއި މާރާމާރީ ހިންގުމާއި ބިރުދެއްކުމުގެ ޓެރަރިސްޓް ޙަރަކާތްތަކެއް ހިންގަމުންނެވެ. މަންޒަރުދުށް މީހުންނާ ޙަވާލާދީ ބީބީސީ ބުނިގޮތުގައި ގޮތް ނޭންގޭ މިފަދަ ފަރާތްތަކުން މިހާރު ވެސް ގެންދަނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށްޓަކައި ސުލްޙަވެރި ކަަމާއެކު މައިދާނުއްތަޙްރީރަށް އެއްވެފައި ތިބި މީހުންނަށް އަމާޒުކޮށް ބަޑީގެ ޙަމަލާތަކާއި އަތުބޮމުގެ ޙަމަލާތައް ދެމުންނެވެ. މިޙަމަލާތަކުގައި މިހާތަނަށް 5 މީހަކު މަރުވެ ދޮޅުހާސް މީހުން ޒަޚަމްވެގެން ހޮސްޕިޓަލްތަކަށް ވަނީ ގެންގޮސްފަ އެވެ.

މުބާރަކް ވައްޓާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް މިޙަމަލާތައް ދޭންފެށީ އެމީހުންނާ ދެކޮޅަށް ބާރުގެ ބޭނުންނުކުރާނެކަން މިސްރުގެ ސިފައިން ހާމަކޮށްފައި ވަނިކޮށެވެ. މުޒާހަރާކުރާ ފަރާތްތަކުންނާއި އިދިކޮޅު ފަރާތްތައް ތުހުމަތުކުރާ ގޮތުގައި މުބާރަކްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް ޓެރަރިސްޓް ޙަމަލާތައް ދެމުން މިގެންދަނީ މުބާރަކަށް ތާއީދުކުރާ އަދި އޭނާގެ ޚުދުމުޚްތާރު ވެރިކަން ދަމަހަށްޓަން ބޭނުންވާ ފަރާތްތަކުންނެވެ. މިއީ މުބާރަކްގެ ނިޒާމުން މާލީ އަދި ސިޔާސީ ނާޖާއިޒު ފައިދާތައް ލިބޭ ފަރާތްތައް ކަމަށާއި މިކަން ހިންގަމުން މިގެންދަނީ މުބާރަކްގެ ރުހުން ލިބިގެން ވަރަށް ރަނގަޅަށް ރޭވިގެން ކަމަށް ވެސް އެފަރާތްތަކުން ތުހުމަތު ކުރެއެވެ. އެހެންކަމުން މިސްރުގެ ޙާލަތު މިހާރު ބަދަލުވަމުން މިދަނީ މުބާރަކްގެ ކިބައިން ސަލާމަތްވުމަށް އެދޭފަރާތްތަކާއި މުބާރަކްގެ ފަރާތުން ނާޖާއިޒު ލިބޭ އަދި އަދި އޭނާގެ ޚުދުމުޚްތާރު ނިޒާމް ދަމަހައްޓަން ބޭނުންވާ ފަރާތްތަކާ ދެމެދު ހިނގާ އަހްލީ ހަނގުރާމަކަށް ކަމަށް މުރާސިލުން ސިފަކުރެއެވެ.

މިސްރުގެ ރަސްމީ ފަރާތްތައް އަޑީގައި ތިބެގެން މިހާރު ގެންދަނީ ސަރުކާރު މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ މުވައްޒަފުން ވެސް މުބާރަކާ އެއްކޮޅަށް މުޒާހަރާ ކުރުމަށް މަގުތަކަށް ނެރެމުން ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް މުބާރަކް ވައްޓާލަން މަސައްކަތްކުރާ ފަރާތްތައް ބުނާ ގޮތުން އެމީހުން ވެސް ތިބީ ދޫދޭގޮތަކަށް ނޫނެވެ. އަދި ހާހުން މީހުން މަރާލިޔަސް މުބާރަކްގެ ވެރިކަމުގައި ނިމުމުގެ ސިއްކަ ޖެއްސުމަށްޓަކައި މާދަމާ ހުކުރު ނަމާދަށްފަހު މިލިޔަނުން މުޒާހަރާކޮށް މައްސަލަ ޙައްލުކުރާނެ ކަމުގެ އިންޒާރު އިދިކޮޅު ފަރާތްތަކުން ވަނީ ދީފަ އެވެ. (ބީ.ބީ.ސީ+ނޫސް އެޖެންސީތައް)