23 Dec 2014, 14:44
މިއަދަކީ ގައުމުގެ ގައުމިއްޔަތު ދިރުވައި އާލާކޮށް ގައުމިއްޔަތު ބިނާކުރުމުގައި އަޅުގަނޑުމެން ސިފައިންނަށް ކުރެވޭނީ ކޮންކޮން ކަންތައްތަކެއްތޯ ބަލައި ކުރިއަށްދާންވީ ދުވަސް ކަމަށާއި ބޮޑުތަކުރުފާނު ކުރެއްވި ގައުމީ ޖިހާދު، އަސްކަރީ ނަޒަރިއްޔާ އިން ދިރާސާ ކުރުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ގައުމީ ދުވަހުގެ މުނާޞަބަތުގައި ދިވެހި ސިފައިންނަށް އެމަނިކުފާނު ދެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ދިވެހިންގެ ދީނާއި ދިވެހިންގެ ބަހާއި ދިވެހިންގެ އާދަކާދައާއި ސަގާފަތް އަދި ދިވެހިން ފަޚުރުވެރި ތާރީޚު ރައްކާތެރި ކޮށްގެންނޫނީ ގައުމިއްޔަތު ދިރުވައި އަލާ ނުކުރެވޭނެ ކަން މިއަދު ގަބޫލުކުރަން ޖެހޭ ކަމަށެވެ.
"މިއަދުގެ ޒުވާން ތަޢުލީމީ ސިފައިންގެ ކިބައިން އަޅުގަނޑު އެދޭނީ ބޮޑުތަކުރުފާނުގެ މި މަތިވެރި ގައުމީ ޖިހާދު، އަސްކަރީ ނަޒަރިއްޔާ އިން ދިރާސާކޮށް، ސިފައިންގެ ޢިލްމާއި ހުނަރާއި ގާބިލުކަން މަތިކުރުމަށް ފުރިހަމައަށް ބޭނުން ހިފުމަށް." ޗީފް އޮފް ޑިފެންސް ފޯސްގެ މެސެޖްގައި ވިދާޅުވި އެވެ.
ގައުމީ ދުވަހަކީ އެދުވަހެއްގައި ދިވެހި ރައްޔިތުން، ޚާއްޞަކޮށް ދިވެހި ސިފައިން ވަރަށް މަތިވެރި ޢަޒުމްތަކެއް އާކުރަން ޖެހޭ ދުވަހެއް ކަމަށާއި އުތީމު ބޮޑުތަކުރުފާނުގެ ފަނޑުވުމެއް ނެތް ގައުމީ ޖިހާދުން ހިތްވަރު ހޯދައި، ގައުމީ ޖޯޝް އުފައްދަން ޖެހޭ ދުވަހެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.
އެ މެސެޖްގައި ޗީފް ޑިފެންސް ފޯސް ވިދާޅުވީ، މިއަދަކީ ދުޝްމަނުންގެ ކިބައިން ދީނާއި ގައުމު ޙިމާޔަތްކޮށް މިނިވަންކަމާ އެކު އަންނަން އޮތް ޖީލުތަކަށް މި ލޮބުވެތި ވަޠަން ފޯރުކޮށްދިނުމަށް ދިވެހި ސިފައިން ކޮށްގެން ތިބި ހުވާގެ މަތީގައި ސާބިތުވެ ތިބުމަށް އާހިތްވަރެއްލާން ޖެހޭ ދުވަހެއް ކަމަށެވެ.
ޣާޒީ ރަދުންގެ ހަޔާތްޕުޅާއި އެމަނިކުފާނުގެ ގައުމީ ޖިހާދާއި އެމަނިކުފާނު ގައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަކީ، ހަމައެކަނި މުނިފޫހި ފިލުވާލުމަށް ކިޔަން އޮތް ވާހަކައެއްނޫން ކަމަށާއި އެއީ އެއަށް ވުރެ މާއަގުހުރި ފިލާވަޅުތަކެއް ކަމަށް ވިދާޅުވަމުން މީގެ 454 އަހަރު ކުރިން ކުރައްވާފައިވާ ޖިހާދަކީ އަސްކަރީ އުކުޅުތައް ވަރަށް ފުރިހަމައަށް ބޭނުން ހިއްޕަވާފައިވާ ޖިހާދެއްކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވި އެވެ. އަދި ކޮންމެ ކަމެއްވެސް ދުރާލައި، ވަރަށް ފުރިހަމައަށް ޕްލޭން ކުރައްވައިގެން، ރާއްޖޭގެ ޖޯގްރަފީ ވަރަށް ރަނގަޅަށް ދަސްކުރައްވައިގެން، ކުރައްވާފައިވާ ޖިހާދެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވި އެވެ.