23 Dec 2014, 14:18
އެމެރިކާގެ ސޮނީ އެންޓަޓެއިންމެންޓަށް ދިން އީމެއިލް އެކައުންޓްތައް ހުޅުވި ހަމަލާ ދީފައި ވަނީ އުތުރުކޮރެއާ ސަރުކާރުން ކަމަށް ބުނެ، އެކަމުގެ ބަދަލު އެމެރިކާ އިން ހިފާނެ ކަމަށް އޮބާމާ ވިދާޅުވެފައި ވަނިކޮށް އުތުރުކޮރެއާގައި އިންޓަނެޓްގެ ހިދުމަތް ނުވަ ގަޑިއިރަށް ވުރެ ގިނަ އިރުވަންދެން ކެނޑިއްޖެ އެވެ.
އުތުރުކޮރެއާ އިން އިންޓަނެޓްގެ ހިދުމަތް މެދުކެނޑުމަށް ފަހު އަލުން ލިބިފައިވާ ކަމަށް ބުނެފައި ވަނީ އެމެރިކާ އަށް ނިސްބަތްވާ ކޮމްޕިއުޓަރު އިލްމުގެ ބައެއް މާހިރުންނާއި ދެކުނު ކޮރެއާ ސަރުކާރުގެ ބައެއް އޮފިޝަލުންނެވެ. އުތުރުކޮރެއާގެ އޮފިޝަލުންނާ ހަވާލާދީ ރަޝާ ޓްޑޭ (އާރްޓީ) އިން ބުނީ އުތުރުކޮރެއާ ސަރުކާރުގެ ނިއުސް އެޖެންސީގެ އޮފިޝަލް ވެބްސައިޓްގެ ހިދުމަތް މިއަދު ލިބެން ފަށާފައިވާ ކަމަށެވެ.
އެމެރިކާ އިން އިންޒާރުދީފައި ވަނިކޮށް އުތުކޮރެއާ އަށް ކުރިމަތިވި މި ކަންތަކާ މެދު އެމެރިކާ ސަރުކާރުން ވަނީ އެކަމާ މެދު އެއްޗެއް ނުބުނަން ނިންމާފަ އެވެ.
ސޮނީ ސައިބާ ހަމަލާ ދިން މީހުން އެ ހަމަލާ ދިނީ އުތުރުކޮރެއާގެ ލީޑަރު އަވަހާރަކޮށްލަން ރާވާ މަންޒުތައް އެކުލެވޭ ފިލްމެއް އެކުންފުނިން އުފައްދައި ނެރެން ތައްޔާރުވުމުންނެވެ. ސޮނީގެ މެއިލްތައް ހެކްކުރުމަށް ފަހު ހެކަރުން ބުނެފައި ވަނީ ކިމްއާ ބެހޭ ގޮތުން އުފައްދާފައިވާ ހެއްވާ މަޖާ އެ ފިލްމު ނޭޅުވުމަށެވެ. އަދި އެ ފިލްމު އަޅުވައިދޭ އެމެރިކާގެ ސިނަމާތަކަށް ހަމަލާދޭނެ ކަމަށް ވެސް ހެކަރުން ވަނީ ބުނެފަ އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެކަމާ ބެހޭ ގޮތުން ކުރިން ވިދާޅުވެފައި ވަނީ އެމެރިކާ އިން ބޭނުންވާ ވަގުތެއްގައި ބޭނުންވާ ގޮތަކަށް އެކަމަށް (ހެކް ކުރުމުގެ ހަމަލާއަށް) ރައްދު ދޭނެ ކަމަށެވެ.