ޣައިރު މުސްލިމުންގެ އީދުގެ ގޮތުގަޔާއި އާދަކާދައިގެ ގޮތުން ފާހަގަކުރާ ކަންތައްތައް މުސްލިމުން ފާހަގަކުރުމަކީ އިސްލާމްދީނުގައި ހުއްދަކުރާ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

ކްރިސްމަސް ފާހަގަކުރުމަށް ރާއްޖެ އަށް ބަޔަކު ބުދުތަކެއް އެތެރެކުރުމާ ގުޅިގެން އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މުސްލިމުން އުޅެން ވާނީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން ކަމަށެވެ. އީދުގެ މުނާސަބާތަތަކީ ހުރިހާ ދީނަކާއި މުޖުތަމައުއެއް އަނެއް ބަޔަކާއި ތަފާތުކޮށްދޭ އެންމެ ހާއްސަ ޝިއާރުކަމަށް އެ ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައި އެވެ. އެހެންކަމުން މުސްލިމް އުއްމަތް އެހެން މީހުންނާ ތަފާތުކޮށްދޭ އުފާފާޅު ކުރުމުގެ އެންމެ ހާއްސަ މުނާސަބަތަކީ ފިތުރު އީދާއި އަޟްހާ އީދު ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

"ހަމަ އެފަދައިން އެހެން ދީންތަކާއި އެހެން މީހުންގެ އެފަދަ ދުވަސްތަކެއްވެ އެވެ. އެ ދުވަސްތަކުގައި އުފާ ފާޅުކޮށް އެމީހުންގެ ޝިއާރުތައް ފާޅުކުރާނީ އެބައެކެވެ. އެބަޔަކާ އެއްގޮތްވުމަކީ އެމީހުންގެ ތެރެއިން އެމީހާ ވާނެ ކަމެކެވެ." އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

އަދާލަތު ޕާޓީ އިން އިތުރަށް ބުނި ގޮތުގައި އެހެންކަމުން އެހެން ދީންތަކުގެ މީހުންގެ ދީނީ އަގީދާއާ ގުޅިގެން ފާހަގަކުރަމުން އަންނަ މުނާސަބަތުތައް އިސްލާމީ މުޖުތަމައުގައި ފާހަގަނުކުރުމަށާއި އެފަދަ ކަންކަން ފާހަގަކުރުމުގައި އެހީތެރިނުވުމަށާއި އެފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިނުވުމަށް އެންމެހާ ފަރާތްތަކަށް ނަސޭހަތްތެރިވާ ކަމަށެވެ.

އެފަދަ ކަންކަން މުސްލިމުންގެ ތެރޭގައި ފާހަގަނުކުރި ނަމަވެސް ބޭރުން އަންނަ މެހެމާނުންނަށް ހެޔޮކޮށް ހިތުމާއި އެމީހުންނަށް އިހުސާންތެރިކޮށް ހިތުމާއި އެމީހުންނާއި މެދު އަދުލުވެރިވުމާއި އެމީހުންގެ ފުރާނައާއި މުދާ އަބުރު ރައްކާތެރިކޮށް އަމާންވެެއްޓެއް ގާއިމްކުރުމަކީ އިސްލާމްދީން އަމުރުކުރައްވާފައިވާ ކަމެއް ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.