މުޅި ތިލަފުށި އަގު ކުރާނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

ދެހާސް އެގާރަވަނަ އަހަރު ވަނީ ޕްރައިސްވޯޓާ ހައުސް ކޫޕާސް އިން ތިލަފުށި އަގުކޮށްފަ އެވެ. ތިލަފުށީ ކޯޕަރޭޝަން އިން އަލުން މިވަނީ އެ ރަށް އަގުކުރާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފަ އެވެ.

އެ ކޯޕަރޭޝަން އިން މިއަދު ބުނީ ތިލަފުށީގެ ބިމާއި ވަށައިގެންވާ ސަރަޙައްދުތަކުގެ ވެލުއޭޝަނެއް ނުވަތަ އަގުކުރަން ބޭނުން ވާތީ އެ މަސައްކަތް ކުރުމަށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ޝައުޤުވެރިވާ، ކަމުގެ ތަޖުރިބާ އާއި ގާބިލުކަން ހުރި ފަރާތަކުން ހޯދަން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ވަރަކަށް ތަރުހީބް ލިބިފައިނުވާތީ އަލުން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ތިލަފުށީ ކޯޕަރޭޝަން އިން ބުނީ އެބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 50 ޑޮލަރު ކަމަށާއި އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 500.00 ޑޮލަރު ބަހައްޓަން ޖެހޭ ކަމަށެވެ.

އެ ކުންފުނީގެ ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ އެކްސްޓާނަލް އޮޑިޓަރުންނަށް އެ ބީލަމުގައި ބައިވެރިނުވެވޭނެ ކަމަށާއި އެ ބީލަމުގައި ބައިވެރިވެވޭނީ ބިޑް ޑޮކިއުމެންޓް ގަންނަ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެކޯޕަރޭޝަންއިން ބުންޏެވެ.

ވެލުއޭޝަނެއް ނުވަތަ އަގުކުރުމުގެ ބޭނުމަކީ ބެލެންސްޝީޓްގައި ތިލަފުއްޓާއި އެރަށުގައިވާ މުދަލުގެ އަގު ހިމެނުމަށެވެ.