އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ އެއްވަނައިގައި ރަސްކަން ކުރަމުން އަންނަ ޗެލްސީ ރޭ ކުޅުން މެޗުގައި ސްޓޯކް ސިޓީގެ މައްޗަށް ކުރި ހޯދައި އަނެއްކާވެސް ތާވަލުގައި ލީޑު ފުޅާކޮށްފި އެވެ.

ރޭ ކުޅުނު މެޗު ޗެލްސީ 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު، އެ ޓީމް މިހާރު ވަނީ ލީގުގައި މުޅިއެކު 42 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާމެދު ތިން ޕޮއިންޓުގެ ފަރަގެއް ހޯދާފައެވެ. އަދި މި ސީޒަންގައި މިހާތަނަށް އިނގިރޭސި ލީގުގައި އެންމެ ފަހަރަކު ބަލިވެފައި ވާ ޗެލްސީ ކުޅުނު 17 މެޗުގެ ތެރެއިން 13 މެޗުން މޮޅުވެފައި ވާއިރު، އެ ޓީމް އެއްވަރުވެފައި ވަނީ އެންމެ ތިން މެޗުންނެވެ.

ރޭ ކުޅުނު މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ލީޑު އެ ޓީމް ނެގީ މެޗު ފެށިތާ ދެ މިނެޓު ތެރޭގައެވެ. އެ ޓީމްގެ ޖޯން ޓެރީ މެޗުގައި ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު އެ ޓީމް ވަނީ މެޗުގައި ހަމަޖެހިލާފައެވެ. ޗެލްސީގެ ލަނޑާއެކު ސްޓޯކް ސިޓީއަށް ވަނީ މިޑްފީލްޑު ތެރޭ ބޯޅަ ހިފަހައްޓައިގެން ރަނގަޅު ހަމަލާތަކެއް އުފެއްދޭގޮތް ނުވެފައެވެ. ނަމަވެސް ހަމައަކަށް އެޅި ދެވަނަ ހާފްގެ މެދުތެރޭ ސްޓޯކް ސިޓީ އެ ޓީމުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ޗެލްސީގެ ގޯލަށް ފޮނުވާލާފައި ވާއިރު، އެ ހަމަލާ ހުނަރާއެކު ދިފާއުކުރީ ޗެލްސީގެ ކީޕަރު ތިބޯ ކޯޓުއާ އެވެ.

ސްޓޯކްގެ ފުރަތަމަ ހަމަލާއާއެކު ޗެލްސީވެސް ކުރިއަށް ޖެހިލައި ލީޑު ފުޅާކުރަން މަސައްކަތް ފެށިއެވެ. އަދި މިޑްފީލްޑުން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް، ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު އެ ޓީމް ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް، ހާފްޓައިމްގެ ކުރިން އެ ޓީމަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

މެޗުގެ ދެވަނަ ހާފް ސްޓޯކް ސިޓީ ފަށާފައި ވަނީ ރަނގަޅު ކުޅުމަކާ އެކީއެވެ. ދެވަނަ ހާފްގެ ފުރަތަމަ ވަގުތުކޮޅު އެ ޓީމް ބޯޅަ ހިފައްޓައިގެން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ކައުންޓާ ތަކުގައި ޗެލްސީގެ ފޯވާޑް ލައިންގެ ނުރައްކާ ސްޓޯކްގެ ގޯލަށް ވަނީ ކޮށްފައެވެ. ޗެލްސީއަށް މެޗު ކަށަވަރުވެގެން ދިޔައީ 78 ވަނަ މިނެޓުގައެވެ. ޗެލްސީގެ އެޑިން ހާޒާޑް ދިން ރީތި ޕާހަކުން އެ ޓީމްގެ ސެސް ފެބްރިގާސްއަށް ބާރު ޝޮޓެއް ނުހެދުނު ނަމަވެސް، ސްޓޯކްގެ ކީޕަރު ފަހަނައަޅައި ބޯޅަ ވަނީ ގޯލަށް ވަދެފައެވެ. އެ ލަނޑާއެކު ޗެލްސީ މެޗު ނިންމާލީ މި ސީޒަންގައި އެ ޓީމުގެ 13 ވަނަ ކާމިޔާބީއާ އެކީއެވެ.

މިދިޔަ ސީޒަންގައި ސްޓޯކް ސިޓީ އަތުން ޗެލްސީ ބަލިވެފައި ވިނަމަވެސް، ރޭގެ މެޗަށް ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ ނުކުތީ އެ މެޗުން ތިން ޕޮއިންޓު ނުލިބިއްޖެ ނަމަ ވާނެގޮތާމެދު ރަނގަޅަށް ވިސްނާފައެވެ. ޗެލްސީގެ ކާމިޔާބީއާއެކު އެ ޓީމަށް ތާވަލްގައި އަނެއްކާވެސް ލީޑު ލިބިފައި ވިއަސް، ކިރިޔާ ދުލެއް ލިބުނަސް އެ ޓީމް ތާވަލްގެ އެއްވަނައިން ވައްޓާލަން މިދިޔަ ތިން އަހަރުތެރޭ ލީގުގައި ރަސްކަންކުރި ޔުނައިޓެޑާއި ސިޓީ އޮތީ ތައްޔާރަށެވެ.