23 Dec 2014, 13:17
ގައުމީ ދުވަހަކީ މިނިވަންކަން ދެމެހެއްޓުމުގެ ރޫހު އަލުން އާކޮށް އަލާކުރުމުގެ ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބުދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމިން މިއަދު ފޮނުއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ގައުމީ ދުވަހު ބޮޑުތަކުރުފާނު ކުރެއްވި ޖިހާދަކީ، ދިވެހި ގައުމަށް ޓަކައި އެ ތަކުރުފާނުގެ ހިތްޕުޅުގައި އޮތް މަތިވެރި ލޯތްބާއި އިޙްތިރާމް ސާބިތުވެގެން ދިޔަ މާތް ތާރީޚީ ޖިހާދެއްކަމަށެވެ. އަދި އެއީ، ގައުމު ދެކެ ނުހަނު ލޯބިވާ ކޮންމެ ދިވެހި ދަރިއަކު ވެސް އުފަލާއި ޝުކުރުވެރިކަމާއެކީ ބަލައިގަންނަން ޖެހޭ މަތިވެރި ގައުމީ ޚިދުމަތެއް ކަމަށް ރައީސްގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
"އެހެންކަމުން، ގައުމާއި ދީނުގެ ޙައްޤުގައި ބޮޑުތަކުރުފާނާއި އަދި އެހެން ގައުމީ އަބްޠާލުން ކުރެއްވި މަތިވެރި ޖިހާދުން ހިތްވަރު ލިބިގަނެ، މި މިނިވަންކަން އަމާނާތްތެރިކަމާ އެކު އަންނަން އޮތް ޖީލުތަކާ ހަމައަށް ވާޞިލުކޮށްދިނުމުގެ ޢަޒުމު އާކުރެއްވުމަށް، ރާއްޖޭގެ މި ފަޚުރުވެރި ގައުމީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" ރައީސް ޔާމިންގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
ރައީސް ޔާމިން މިއަދު ފޮނުއްވި ހިތާބުގައި ވަނީ ގައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުވާފަ އެވެ. އަދި އިސްލާމް ދީނާއި ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ދިފާއުގައި މަސައްކަތް ކުރެއްވި ގައުމީ ބަތަލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާކުރައްވާފަ އެވެ.
"ޤައުމީ ދުވަހުގެ ޒިކުރާ އާކުރަމުންދާއިރު، ދުވަހުގެ ބަޠަލު އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް އާދެ، ބޮޑުތަކުރުފާނު، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލުގެ ދިފާޢުގައި ކުރެއްވި ތާރީޚީ ޖިހާދުގެ މަތިން ހަނދާންކޮށް، އެ ތަކުރުފާނުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި ދީނާއި ޤައުމަށްޓަކައި ޖިހާދު ކުރެއްވި ގައުމީ އަބްޠާލުންގެ ޒިކުރާ އާކުރަމުން، އެ އަބްޠާލުންނަށް ވެސް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ދަންނަވަމެވެ،" ރައީސް ގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.