23 Dec 2014, 13:07
ކްރިސްމަސްއާ ދިމާކޮށް ރާއްޖޭގެ ރިސޯޓަކަށް އެތެރެކުރި ގިނަ އަދަދެއްގެ ބުދުތަކެއް ކަސްޓަމްސް އިން ހިިފަހައްޓައިފި އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ރާއްޖެ އެތެރެކުރި ބުދުތައް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގަ އެވެ. އެއާޕޯޓުގެ އޮފިޝަލަކު "ސަން" އަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ރިސޯޓަކަށް އެތެރެކުރި ބުދުތައް އެއާޕޯޓުގެ ކާގޯ ބައިގައި ރޭ ބަހައްޓާފައި ހުރި ކަމަށެވެ.
ކަސްޓަމްސްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ރޭ އެ ބުދުތައް ހިފެހެއްޓީ 12 ޖަހާ އެހާކަންހާއިރު ކަމަށާއި އޭގެ ތެރޭގައި އޮތީ ބުދެއް ކަމަށް ބެލެވޭ އެކައްޗާއި އަސްތަކެެއް ކަމަށް ބެލެވޭ އެއްޗެތިތަކަކެއް ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެފަދަ ކަމެއް ކުރުމަށް ސަރުކާރުން ޖާގައެއް ނުދެއްވާނެ ކަމަށެވެ.