ލޯކަލް ކައުންސިލް އިންތިހާބަށް އަތޮޅުތަކަށާއި ރާއްޖެ އިން ބޭރަށް ވޯޓް ފޮއްޓާއި ވޯޓް ކަރުދާސް ފޮނުވަން ފަށައިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓާ އަހުމަދު އަބޫބަކުރު މިއަދު ވިދާޅުވީ މިދިޔަ ޖެނުއަރީ، 27 ،2011 ފެށިގެން އަތޮޅުތަކަށް ވޯޓް ހަރުދާހާއި އިންތިހާބުގެ އިދާރީ މައްސަކަތުގެ ސާމާނު ފޮނުވަން ފަށާފައިވާ ކަމަށާއި މާދަމާ މާލެ އަތޮޅުގެ ރިސޯޓްތަކަށް އެ އެއްޗެހިތައް ފޮނުވުމުން ކައުންސިލް އިންތިހާބުގެ އިންތިޒާމްތައް ރާއްޖޭގައި ހަމަޖެހިގެންދާނެ ކަމަށެވެ.

ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން، އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ކެންސަލް ކުރި ނަމަވެސް އެ އަތޮޅުގައި ތިބި އެހެން ރަށްރަށުގެ މީހުން ވޯޓް ލުމަށްޓަކައި ހަތް ވޯޓް ފޮއްޓެއް އެ އަތޮޅުގައި ބަހައްޓާނެ ކަމަށް އަހުމަދު އަބޫބަކުރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާގެ ޓްރިވެންޓްރަމްއަށާއި ސިރީލަންކާގެ ކޮލަންބޯއަށް މާދަމާ ވޯޓް ކަރުދާސް ފޮނުވަން ފަށާނެ ކަމަށާއި އެ ދެ ގައުމުގައި ދެ ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 416 ވޯޓް ފޮށި ބަހައްޓަން ކުރިން ނިންމި ނަމަވެސް، އައްޑޫ ސިޓީ ކައުންސިލް އިންތިހާބު ކެންސަލް ކުރުމުން 26 ވޯޓް ފޮއްޓެއް ބާތިލްކޮށްފައިވާ ކަމަށް އިލެކްޝަންސް އިން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބުގައި މިހާރު 390 ވޯޓް ފޮށި ބަހައްޓާނެ ކަމަށާއި މާލޭގެ ރައްޔިތުންނަށްޓަކާ މާލޭގައި 48 ވޯޓް ފޮށި ބަހައްޓާނެ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 60 ފޮއްޓެއް ބަހައްޓާނެ ކަމަށާއި އަތޮޅުތަކުގައި 260 ވޯޓް ފޮށި ބަހައްޓާއިރު، ރިސޯޓްތަކުގައި ވެސް 17 ވޯޓެއް ބަހައްޓާނެ ކަމަށެވެ. އަދި ތިން ޖަލެއްގައި ]މާފުށީ ޖަލު، އައްސޭރި ޖަލު، މާލޭ ޖަލު[ ތިން ވޯޓް ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް އިން ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައި ވަނީ 2،24474 ]ދެ ލައްކަ ސައުވީސް ހާސް ހަތަރު ސަތޭކަ ހަތްދިހަ ހަތަރު[ މީހުނަށް ކަމަށް ވެސް އިލެކްޝަންސް އިން ބުނެ އެވެ.